27 Oct 2013, 20:41
ފަނޑިޔާރުންނާއި މެދު ޝަކުވާއެއް އޮތަސް ފަނޑިޔާރުގޭގެ ނިންމުންތައް ތަންފީޒު ކުރަންޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
ސުޕީރިއާ ކޯޓުތަކަށް އައްޔަން ކުރެވި ފަނޑިޔާރުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވުމަށް މިއަދު ހަވީރު ޖުޑީޝަލް ސާވިސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރަކާއި ނުވަތަ ފަނޑިޔާރުގެއަކާއި ބެހޭ ޝަކުވާއެއް އޮތަސް ފަނޑިޔާރުގޭގެ ނިންމުންތައް ތަންފީޒު ކުރެވެންވާނެ ކަމަށެވެ. ފަނޑިޔާރުގޭގެ ނިންމުންތައް ތަންފީޒު ނުކުރެވޭނަމަ ގާނޫނުގެ ވެރިކަން ރާއްޖޭގައި ނެގެއްހެއްޓިގެން ނުދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ފަނޑިޔާރުގެއަކާއި ގުޅިގެން ދެކެވޭ ވާހަކައެއްގެ ސަބަބުން، ފަނޑިޔާރެއްގެ މައްޗަށް އޮތް ޝަކުވާއެއްގެ ސަބަބުން އެއީ ކީ ފަނޑިޔާރުގޭގެ ނިންމުންތައް ތަންފީޒު ނުކުރެވެންވީ ސަބަބެއް ނޫން. މި ރާއްޖޭގައި ފަނޑިޔާރުގޭގެ ނިންމުންތައް ތަންފީޒު ކުރެވޭނެ. ފަނޑިޔާރުގޭގެ ނިންމުންތައް ތަންފީޒު ނުކުރެވޭ ކަމަށްވަންޏާ ރާއްޖޭގެ ރޫލް އޮފް ލޯ ނެގެހެއްޓިގެނެއް ނުދާނެ،" ފާއިޒު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމުން އެކަން މަޖިލީހުގެ އިދާރާއަށް ވަނީ އަންގާފައި ކަމަށާއި އެ ނިންމުން ތަންފީޒު ކުރެވެން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ދާދި ފަހުން ސުޕްރީމް ކޯޓުން ނިންމި ނިންމުމާއި ގުޅިގެން އެބަ ސުވާލު އުފައްދާ. އެހުރިހާ ބޭފުޅުންނަށް އަޅުނގަޑު ދޭނެ ޖަވާބަކީ ސުޕްރީމް ކޯޓުގެ ނިންމުމަކީ އެ ނިންމުމާއި އެއްގޮތަށް ތަންފީޒުވާނެ ނިންމުމެކޭ. ތަންފީޒު ކުރަން ޖެހިވަޑައިގަންނަވަންވާނޭ. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސާވެސް އެ މައްސަލާގައި ވާހަކަ ދެކެވުނު. އަޅުނގަޑު ދެންނެވި އެމަނިކުފާނުގެ އަރިހުގައި ސުޕްރީމް ކޯޓުގެ ނިންމުން ތަންފީޒު ކުރަން ޖެހިވަޑައިގަންނަވަންވާނޭ. ސުޕްރީމް ކޯޓުގެ ނިންމުން ތަންފީޒުވާނޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ފާއިޒު ވިދާޅުވީ ފަނޑިޔާރުންނާއި މެދު މިހާރު ދެކެވޭ ވާހަކަތަކުގެ ސަބަބުން ފަނޑިޔާރުންގެ އަގު ވެއްޓިގެންދާ ކަމަށެވެ. އެހެންކަމުން ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި ޖުޑީޝަލްސާވިސް ކޮމިޝަނުން ވީހާވެސް އަވަހަކަށް ހައްލު ހޯދަން ޖެހޭނެ ކަމަށް ވެސް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.
"ފަނޑިޔާރުންގެ މައްސަލަތައް ގާތުން ބެއްލެވުމަށް އޮތް މުއައްސަސާއަކީ ޖުޑީޝަލް ސާވިސް ކޮމިޝަން. އެކަމަކީ ފަނޑިޔާރަކާއި މެދު ކުރެވޭ ޝަކުވާއެއްނަމަ އެޝަކުވާއަކީ ސައްޚަ ޝަކުވާއެއްތޯ ނުވަތަ ނޫންތޯ އަވަސްގޮތެއްގައި ބައްލަވައި އެ ފަނޑިޔާރަކު އެކަމުން މިންޖުކޮށްދެއްވަން އެބަޖެހޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.