27 Oct 2013, 20:13
ސުޕީރިއާ ތިން ކޯޓަކަށް އައްޔަންކުރެއްވި ހަތް ފަނޑިޔާރުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވައިފި އެވެ.
މިއަދު ހަވީރު ޖުޑީޝަލް ސާވިސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހަތް ފަނޑިޔާރުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. އަދި އެބޭފުޅުންނަށް މަގާމު ފަތްކޮޅު ހަވާލުކޮށްދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު އަދި އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނެވެ.
ކްރިމިނަލް ކޯޓަށް އައްޔަން ކުރި ދެ ގާޒީންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައިވެސް ހިމެނިވަޑައިގަންނަވާ ގއ. ވިލިގިލީ ހިލިހިލާއާގެ ޝުޖާއު އުސްމާނާއި ނ. މަނަދޫ އަނބުގަސްދޮށުގެ އަބްދުﷲ ނަޝީދެވެ.
ސިވިލް ކޯޓުގެ ގާޒީކަމަށް އައްޔަންކުރައްވާފައި ވަނީ ގދ. ފިޔޯރީ ލަންސިމޫގެ ފަރުހާދު ރަޝީދާއި ގއ.ގެމަނަފުށި ދުބުރިމާގޭ ހުސައިން މަޒީދެވެ. އަދި ފެމެލީ ކޯޓުގެ ގާޒީކަމަށް އައްޔަންކުރައްވާފައި ވަނީ ކ. ދިއްފުށީ ސްވީޓްމީޑް ހަސަން ޝަފީއު އާއި ސ. މަރަދޫ ރޯސްގާޑަން މުހައްމަދު ސަމީރުގެ އިތުރުން ގ.ރޭނިސް އިބްރާހީމް އަލީ އެވެ.
އެބޭފުޅުންގެ ތެރެއިން ހަސަން ޝަފީއު މިހާތަނަށް ހުންނެވީ ފެމެލީ ކޯޓުގެ ރަޖިސްޓްރާ ކަމުގެ މަގާމުގަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވަނީ ކިތަންމެ ވަރަކަށް ބިރުދައްކަން މަސައްކަތް ކުރި ނަމަވެސް ގާނޫނީ ވެރިކަން ނެގެހެއްޓުމަށް އެއްވެސް ފަނޑިޔާރަކު ފަސް ޖެހިވަޑައިނުގަތުމަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ކޯޓުތަކުގައި އެތަކެއް މައްސަލަތައް ނުނިމި އެބަހުރިކަން ކަމަށާއި ކޯޓުތަކުގައި ހުރި މައްސަލަތައް މަދުކުރެވޭނީ ފަނޑިޔާރުން ބުރަކޮށް މަސައްކަތް ކޮށްގެން ކަމަށާއި އެކަމަކީ ހަމައެކަނި ފަނޑިޔާރުން އިތުރުރުމަކުން ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
އެ ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ ވެސް ވަނީ ހުވާކުރެއްވި ފަނޑިޔާރުންނާ މުޚާތަބްކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.