ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވާތީ އެ މައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

އާޒިމްގެ ގާނޫނީ ވަކީލް އަބްދުﷲ ޝާއިރު ސަންއާ ވާހަކަދައްކަވަމުން ވިދާޅުވީ އާޒިމްގެ ބަންދުގައި ބެހެއްޓުމަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްދީފައި ވާތީ އެ މައްސަލަ ހައިކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށާއި އަދި އެ މައްސަލަ ކޯޓުން މިއަދު ބަލައިގެންފައިވާ ކަމަށެވެ.

އާޒިމް ހައްޔަރުކޮށްފައި ވަނީ އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް އިއްޔެ ބާއްވަން އުޅުނު މަޖިލީހުގެ ޖަލްސާއާ ދިމާކޮށް މަޖިލީހުގެ އިދާރާތެރެއަށް ވަދެވަޑައިގަތުމުންނެވެ.އަލީ އާޒިމް ހައްޔަރު ކުރުމަށް ފަހު އެމްއެންޑީއެފުން ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ފުލުހުން ބުނީ އާޒިމްގެ މައްޗަށް ކުރާ ތުހުމަތަކީ ރައްޔިތުންގެ މަޖިލީހުގެ ގޯތިތެރެއަށް ވަދެ ސިފައިންނަށް ހަމަލާދީ ސިފައިންގެ އަމުރަށް ނުކިޔަމަންތެރިވެ ގަދަކަމުން މަޖިލީސް ތެރެއަށް ވަންނަން އުޅުނުކަމުގެ ތުހުމަތު ކަމަށެވެ.