ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މާދަމާ ހެނދުނު 9:00 އަށް ބާއްވާ ޝަރީއަތުގެ މަޖުލީހަށް ރައްޔިތުންގެ މަޖުލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރާއި އެއްގޮތަށް ކޯޓަށް ހާޒިރު ކުރެވޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން އެދިއްޖެ އެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އެޑްރެސްކޮށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ސޮއިކުރައްވައި މިއަދު ފޮނުވި ސިޓީގައި ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހާމިދު ކޯޓަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓުން ފޮނުއްވި ކޯޓު އަމުރާ ހަވާލުވެ، ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާތީ، މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުގައި އޮތް ޝަރީއަތުގެ މަޖުލީހަށް ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވީނަމަވެސް އޭނާ މަޖިލީސްކުރާ ގޭގައި ހުންނެވުމުގެ ސަބަބުން އެ ދުވަހު ކޯޓަށް ހާޒިރުކޮށްދެވިފައި ނުވާކަން ފާހަގަ ކޮށްފައިވެ އެވެ.

"ހަމައެހެންމެ ހާމިދު އަބްދުލް ޣަފޫރު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން 2013 އޮކްޓޫބަރު 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އޮންނަ ޝަރީއަތުގެ މަޖުލީހަށް ހާޒިރުކޮށްދިނުމަށް ކްރިމިނަލް ކޯޓުގެ ނަމްބަރު 1031/2013/145- އަމުރުން މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ދެވަނަ ފަހަރަށް އަމުރުކޮށްފައިވާކަން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މިއަދު މޯލްޑިވްސް ޕޮލިސް ސާވިސްއިން ފޮނުވި ސިޓީގައި ވަނީ ދަންނަވާފައި،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ ކްރިމިނަލް ކޯޓުގައި މާދަމާ އޮންނަ ޝަރީޢަތުގެ މަޖިލީހަށް ހާމިދު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ދެ ވަނަ ފަހަރަށް އަމުރު ނެރެފައިވީ ނަމަވެސް ހާމިދު މިވަގުތު ވެސް ހުންނެވީ ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ކަމަށްވާތީ ކްރިމިނަލް ކޯޓުގައި މާދަމާ އޮންނަ ޝަރީޢަތުގެ މަޖިލީހަށް ފުލުހުންގެ ބެލުމުގެދަށުން ހާޒިރުކުރެވޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށްވެސް މަޖިލީހުގެ ރައީސަށް މިއަދު ފޮނުވި ސިޓީގައި އެދި ދަންނަވާފައިވާނެ ކަމަށެވެ.

ހާމިދު ހައްޔަރުކޮށްގެން ހާޒިރުކުރަން ކޯޓުން ފުރަތަމަ ނެރުނު އަމުރާ ގުޅިގެން އޭނާ ހުރި ތަނެއް ނޭނގިގެން ފުލުހުން އޭނާގެ ފޮޓޯ ޖަހައި އިއުލާންކުރި އެވެ. އަދި ބުދަ ދުވަހު މަޖިލީހުގެ އިދާރާގެ ތެރެއަށް ވެންނެވުމަށްފަހު ކޯޓަށް ހާޒިރުވުމަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.

ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތަށް ހާމިދު ހާޒިރުކުރުމަށް ޗިޓް ފޮނުވުމާ ގުޅިގެން ކުރިން މަޖިލީހުގެ އިދާރާއިން ބުނެފައި ވަނީ އެ ޗިޓް ފޮނުވާފައި ވަނީ އިމްތިޔާޒުތަކާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ.

މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި "ބައެއް ވާޖިބުތައް އަދާކުރަން ނުޖެހުން" މިމާއްދާގެ (ހ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ މަޖިލީހުގެ ރަސްމީ މަސައްކަތަކަށް ހުރަސް އެޅޭފަދަ ގޮތަކަށް ޝަރުއީ ކޯޓަކަށް ނުވަތަ އެހެން ވެސް މުއައްސަސާއަކަށް މެންބަރަކު ހާޒިރުކޮށްގެން ނުވާނެ ކަމަށެވެ.

އެ ގާނޫނުގައި ބުނެފައި ވަނީ މަޖިލީހުގެ މެމްބަރަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަންނަ އައުމުގަ އާއި މަޖިލީހުގެ މަސައްކަތުން އެނބުރި ދިއުމުގައި އަދި މަޖިލިސް ކުރާ ގޭގައި ހާޒިރުވެ ހުންނަ ވަގުތުގައި ބަންދުކޮށް ހައްޔަރުކޮށްގެން ނުވާނެ ކަމަށް މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާ ބެހޭ ގާނޫނުގެ ބުނެފައިވެ އެވެ.