ރައްޔިތުންގެ ހައްގުތައް ކަށވަރުކޮށްދިނުމަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ހުއްޓުމެއް ނެތި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފޯރުކޮށްދެމުން ގެންދިއުމަށް މާލޭ ސިޓީ ކައުންސިލަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން އިލްތިމާސްކޮށްފި އެވެ.

އެޗްއާރުސީއެމް އިން ބުނީ ސިޓީ ކައުންސިލުން ހިދުމަތްތައް ހުއްޓާނުލައި ދިނުމަށް އިލްތިމާސްކޮށް އެ ކައުންސިލަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ.

http://www.sun.mv/uploads/l_26103273.jpg
ހިދުމަތްތައް ހުއްޓާނުލާ ރައްޔިތުނަށް ފޯރުކޮށްދިނުމަށް ސިޓީ ކައުންސިލަށް އިލްތިމާސްކުރީ މާލޭ ސިޓީ ކައުންސިލުން ފޯރުކޮށްދޭން ޖެހޭ ބައެއް ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ކަމަށް ބުނެ އެމްޑީޕީން ބޭއްވި އިހްތިޖާޖުގެ ތެރޭގައި މާލެ ސިޓީގެ މޭޔަރު ވިދާޅުވެފައި ވާތީ ކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މާލެ ސިޓީ ކައުންސިލަށް މިއަދު އެޗްއާރުސީއެމް އިން ފޮނުވި ސިޓީގައި ރިޔާސީ އިންތިހާބު ބޭއްވެންދެން ބައެއް ހިދުމަތްތައް ދިނުމަށް ހުރަސްއެޅިފައިވާ ކަމަށް މާލޭ ސިޓީ މޭޔަރު ވިދާޅުވެފައިވުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށް ފާހަގަކޮށްފައިވާނެ ކަމަށް ވެސް އެޗްއާރުސީއެމް އިން ބުނެ އެވެ.

ރިޔާސީ އިންތިޚާބު ނުބޭއްވި ލަސްވަމުންދާތީ މާލޭ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ދިނުމަށް ތަދިތަކަކާ ކުރިމަތިވާ ކަމަށް ބުނެ، އިންތިހާބު ބާއްވަންދެން އެ ހިދުމަތްތައް ދިނުން އެ ކައުންސިލުން ހުއްޓާލުމަށް މި މަހުގެ 19 ވަނަ ދުވަހު ވަނީ ނިންމައިފަ އެވެ. އެ ނިމުން ނިންމާފައި ވަނީ މާލޭ ސިޓީ ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ކައުންސިލްގައި ހިމެނޭ 11 މެންބަރުންގެ ތެރެއިން އަށް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރި ގަރާރަކުންނެވެ.