27 Oct 2013, 17:02
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަދި ނައިބު މުގައްރިރަކަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ވިޝާމް އަލީ ހޮވައިފި އެވެ.
ޖާބިރު މިއަދު ސަން އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކާއި ނައިބް މުގައްރިރަކު މިއަދު އަލުން ހޮވާފައި ވަނީ މަޖިލީހުގެ ބައެއް މެމްބަރުން އެކިއެކި ޕާޓީތަކަށް ބަދަލުވެ ކޮމިޓީތަކުގެ ކޮމްޕޯސިޝަން ގެއްލިފައިވުމާ ގުޅިގެންނެވެ. އަދި އޭނާ އެ މަގާމަށް ހޮވިވަޑައިގެންފައި ވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ނުވަ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
ޖާބިރު ވިދާޅުވީ އެ ކޮމީޓީގައި ބައިވެރިވަޑައިގެންނެވި މެމްބަރުންގެ ތެރެއިން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޔާމީން އަބްދުލް ގައްޔޫމާއި ޕީޕީއެމްގެ ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމު އަދި ޖުމްހޫރީ ޕާޓީގެ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލް ވެސް ޖާބިރަށް ވޯޓް ދެއްވި ކަމަށެވެ.
އެ ބައްދަލުވުމަށް ވަޑައިނުގެންނަވާ ތިއްބެވި ދެ މެމްބަރުންނަކީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމާއި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އެވެ.