27 Oct 2013, 16:58
ރ. މަޑުއްވަރީގައި ޒުވާނެއްގެ ލޮލަށް ވަޅި ހަރައި ޒަޚަމްކޮށްލައިފި އެވެ.
މިއަދު މެންދުރު ހިނގި އެ ހާދިސާގައި އެ ޒުވާނާގެ ލޮލަށާއި ބޮލަށް ވަޅިހެރުމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ފޮނުވާލަފައި ކަމަށް މަޑުއްވަރީން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފުލުހުން ވެސް ވަނީ މަޑުއްވަރީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލި ކަން ކަށަވަރުކޮށްދީފަ އެވެ.
މިއަދު ހިނގި މާރާމާރީގައި ޒަޚަމްކޮށްލާފައި ވަނީ މަޑުއްވަރީ ސްޓާލައިޓް މުހައްމަދު ރަދީފް 22، އެވެ.
ރަދީފްގެ ބައްޕަ އަބުދުލް ހަލީމް އިސްމާއިލް ބުނީ ރަދީފަށް ހަމަލާދިނީ އޭނާގެ ހަގަށް ހުރި އަންހެން ކޮއްކޮއާއި ފިރިހެން ކޮއްކޮ އަށް ބަޔަކު އަނިޔާ ކުރަން ފެށުމުން އެކަން ހުއްޓުވަން އެދެމެދަށް ވަނުމުން ކަމަށެވެ.
"އަޅުގަނޑަށް އިވުނީ ބޭރުން މީހަކު ހަޅޭލަވާގަތްއަޑު. އަޅުގަނޑަކީ ނުހިނގޭ މީހެއް. ހަޅޭލަވައިގެން ވެސް މީހަކަށް އަޑުނީވުނީމަ ބަނޑުޖަހައިގެން ގޮނޑިއަށް އަރައިގެން ނުކުތް އިރު ދެ ކުދިންގެ ގައިގަ ބަޔަކު ތަޅަނިކޮށް އެތަނަށް ރަދީފް އައިތަން ފެނުނީ. އެދެމެދަށް ރަދީފް ވަތްތަނުން ފެނުނީ ވަޅިނަގާފައި ޖެހިތަން،" އަބުދުލްހަލީމް އިސްމާއިލް ބުންޏެވެ.
އޭނާ ބުނީ ރަދީފް ގޭދޮށަށް އައީ އޭނާ މާދަމާ ކައިވެނި ކުރަން ހަމަޖެހިފައި އޮތުމުން ކޯޓުން ނިންމަން ޖެހޭ ކަންތައްތައް ނިންމުމަށް ފަހު ކަމަށެވެ. އިސްމާއިލް ބުނީ އެހަމަލާދީފައި ވަނީ ރަށުތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ގްރޫޕަކުން ކަމަށާއި މާރާމާރީ ހިންގާފައި ވަނީ އެ ގުރޫޕްގެ މީހުން އެގޭދޮށަށް ޖަމާވެ ކަމަށެވެ.
އެ މާރާމާރީ ހިނގަން ދިމާވި ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.
ރަދީފަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ދިނުމަށް ލޯންޗެއްގައި މާލެ ފުރުވާލާފައިވާ އިރު، އޭނާގެ ހާލު ސީރިއަސް ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.