މަޝްހޫރު ދީނީއިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސައިން ހުމާމް އަހްމަދާ ދެކޮޅަށް ހެކިބަސްނަގައި ނިމިއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހަވީރު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހަތް ވަނަ މީހަކު ވަނީ ހުމާމާ ދެކޮށް ހެކިބަސްދީފަ އެވެ. އޭނާ އަކީ ހުމާމާ އެކު އަތޮޅުވެހީގައި ހުރި މީކެވެ.

ގާޒީ ވިދާޅުވީ ދައުލަތުން ހުށަހެޅި ތިން މީހެއްގެ ހެކިބަސް މިހާތަނަށް ނަގާފައިނުވާ ކަމަށާއި އެ ތިން މީހުންގެ ހެކިބަސް ދެން ނުނަގާ ގޮތަށް ޝަރީއަތުން ނިންމާ ކަމަށެވެ. އެ މައްސަލައިގައި ދެން އޮންނާނީ ޚުލާސާ ބަޔާން ހުށަހެޅުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ކާކުކަން ނޭނގޭ ގޮތަށް ހެކިބަސްދެމުން އެ މީހާ ބުނީ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ މައުލޫމާތު ހުމާމްގެ ފަރާތުން ހޯދަން ގޮޅީގައި ތިބި މީހުން އުޅޭ ކަމަށް ހުމާމް ވަރަށް ގިނައިން ޝައްކު ކުރާ ކަމަށެވެ.

އޭނާ ބުނީ ހުވަފެނުގައި އަފްރާޝީމް ފެނިގެން ނުނިދިގެން ވެސް ހުމާމް އުޅުނު ކަމަށާއި އަފްރާޝީމް ހުމާމްގެ ކަރުގައި ވަލެއް އައްސައިގެން ބިންމަތީގައި ދަމާފައިދާ މަންޒަރު ހުވަފެނުގައި ފެންނަ ކަމަށް ހުމާމް ބުނެފައިވާ ކަމަށެވެ.

އޭނާ ބުނީ "ބޮޑު އިބިލީސް" ފައިސާ ދިނުމަށް ފަހު އަފްރާޝީމް އަވަހާރަކޮށްލުމަށް "ކުޑަދެ އިބިލީސް" ކައިރީ ބުނި ކަމަށް ހުމާމް ބުނެފައިވާ ކަމަށެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވެގެންދިޔަ އިރު ވެސް އެކަން ނުކުރެވުމުން އަފްރާޝީމް އަވަހާރަކޮށްލަން ދެވަނަ ފަހަރަށް "ބޮޑު އިބިލީސް" "ކުޑަދެ އިބިލީސް" ކައިރީ އެދުނުކަމަށް ވެސް ހެކިބަސްދެމުން އެމީހާ ބުންޏެވެ.

މީހަކު މަރާލުމުގެ ކުށުގައި ޖަލަށްލާފައި ހުރި "ކޯއްޓޭ" ކިޔާ މީހަކަށް ވެސް އޭނާ މަރާލިމީހާ ހުވަފެނުގައި ފެނިގެން އެވާހަކަ ގޮޅީގައިތިބި މީހުންނާ ހިއްސާކޮށްފައިވާ ކަމަށް ވެސް ހެކިބަސްދެމުން އެމީހާ ބުންޏެވެ. މާޒީގައި އެފަދަ ކަމެއް ހިނގާފައިވާތީ އެކަމާ ގުޅުވައިގެން ސުވާލުކުރުމުން އަފްރާޝީމް އަވަހަރާކޮށްލުމަކީ އަމިއްލަ އަށް ކުރިކަމެއް ކަމަށް "ވަރަށް ރީއްޗަށް ސާފުކޮށް" ހުމާމް ކިޔައިދިން ކަމަށް ވެސް ހެކިބަސްދެމުން އެމީހާ ބުންޏެވެ.

އަފްރާޝީމަކީ ދީން ނުބައިކޮށް ފަތުރަން މަސައްކަތްކުރި މީހެއްކަމަށާއި އޭނާ މަރާލަން ޖެހޭ ކަމަށް ހުމާމާއި އިތުރު ބަޔަކު ގޮޅިތެރޭގައި ވާހަކަދެއްކި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ބުނީ ހީވާގޮތުގައި އަފްރާޝީމް މަރާލީ "ޑޮޓް ބައެއް" ކަމަށް ވެސް ހުމާމް ބުނި ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ތޫނު ހަތިޔާރުން ހަމަލާދީ އަފްރާޝީމް އަވަހާރަކޮށްލުމުގެ ތުހުމަތުގައި ހުމާމްގެ އިތުރުން ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގެ އަޑީގައި ތިބި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ދާދިފަހުން ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

އެ ހަތަރު މީހުންނަކީ ހ.ހިލްޓަން، އަޒުލީފް ރައޫފް 28، އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރި، މ. ޖަރީމާގޭ އަބްދުﷲ ޖާވިދު 36، އާއި އޭނާގެ ބޭބެ ޝާހިން މުހައްމަދު 38، އަދި ލ. ގަން ތުނޑި، ނޫއަލި، އާދަމް ސަލާޙް،33، އެވެ.