01 Dec 2010, 03:57
ގާނޫނާ ހިލާފަށް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވަޒީފާއިން ވަކި ކުރި މީހެއްގެ ވަޒީފާ އަނބުރާ ރުޖޫއަ ކޮށް، ލިބެންޖެހޭ އުޖޫރައާ އިނާޔާތައް ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެއާޕޯޓްސް ކޮމްޕެނީގެ މައްޗަށް އަމުރުކޮށްފި އެވެ.
އެއާޕޯޓްސް ކޮމްޕެނީގެ ވަޒީފާގައި ހުއްޓާ ވަކިކޮށްފައި ވަނީ މަޝްހޫރު ކުރެހުންތެރިޔާ އަދި ކުރީގެ ގައުމީ ޓީޓީ ޗެމްޕިއަން ހ. ތާޅަފިލިގޭ އަލީ އާދަމް މަނިކު (ތާޅަލަފިލި އަލިބެ) އެވެ. އަލިބެއަކީ ރާއްޖޭގައި ހޮކީ ކުޅުނު ދުވަސްވަރު ހޮކީގައި އެންމެ ވިދާލި އެއް ތަރި އެވެ.
އަލިބެ އެއާޕޯޓްގެ ވަޒީފާއިން ވަކިކޮށްފައި ވަނީ އޭޕްރީލް 14، 2010 ގައެވެ. އެއީ ކުންފުނީގެ އޮނިގަނޑަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށް ބުނެ އެވެ.
ސީނާ އޮފިސަރު އެއިރޮނޯޓިކަލް އިންފޮމޭޝަންގެ މަގާމުން އަލިބެ ވަކި ކުރި މައްސަލަ، އޭނާ ޓްރައިބިއުނަލަށް ހުށަހެޅުމުން ޓްރައިބިއުނަލުން ބުނެފައި ވަނީ އެއިރޮނޯޓިކަލް މުވައްޒަފުން ގިނަ ކަމަށް ފެންނާތީ ހަތަރު މުވައްޒަފަކު ވަކި ކުރީ ކަމަށާއި އަލިބެ ވަކި ކުރީ މަސައްކަތަށާއި އެހެނިހެން ކަންކަމަށް ބަލައި އެންމެ މަދުން މާކްސް ލިބިފައިވާ ހަތަރު މުވައްޒަފުންގެ ތެރޭގައި ހިމެނިގެން ކަމަށް އެއާޕޯޓްސް ކޮމްޕެނީން ބުނި ނަމަވެސް މުވައްޒަފުންގެ ފެންވަރު ބެލުމުގައި ހުރިހާ މުވައްޒަފުން އެއް ހަމައެއްގައި އަމަލުކޮށްފައިނުވާ ކަމަށެވެ.
އަދި ބުނެފައި ވަނީ ވަޒީފާއާބެހޭ ގާނޫނުގެ 27 ވަނަ މާއްދާއަށް ރިއާޔަތްކޮށް އަލިބެ ވަޒީފާއިން ވަކިކޮށްފައި ވަނީ އެ ގާނޫނުގެ 21 ވަނަ މާއްދާއާ ހިލާފަށް ކަމަށް ޓްރައިބިއުނަލްގައި މައްސަލަ ބެލި މަޖިލިސް އިއްތިފާގުވާ ކަމަށެވެ.
ޓްރައިބިއުނަލުން އެއާޕޯޓްސްގެ މައްޗަށް އަމުރުކޮށްފައި ވަނީ އަލިބެ އަދާކުރަމުން އައި ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް އެއާޕޯޓްސް ކޮމްޕެނީން ނުބެލުމަށެވެ.
"... މައްސަލަ ރައްދުވި ފަރާތާއި މައްސަލަ ހުށަހެޅި ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އަލީ އާދަމް މަނިކަށް ދިނުމަށް ކަނޑައަޅާފައިވާ އުޖޫރައަށް ބިނާކޮށް 14 އޭޕްރީލް 2010ން ފެށިގެން އަލީ އާދަމް މަނިކުގެ ވަޒީފާ ހަމަޖެހޭ ދުވަހާ ހަމައަށް އަލީ އާދަމް މަނިކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން އަލީ އާދަމް މަނިކު ރިޑަންޑަންޓް ވީކަމަށް ބުނެ ކުންފުނީގެ ފަރާތުން އޭނާއަށް އެއްވެސް ފައިސާއެއް ދީފައިވާނަމަ އެބައި އުނިކުރުމަށްފަހު ޖެހޭ ފައިސާގެ މިންވަރު 29 ނޮވެމްބަރު 2010ން ފެށިގެން 10 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ އަލީ އާދަމް މަނިކަށް ދިނުމަށާއި އެކަން ހަމަޖެހޭތާ ތިން ދުވަހުގެ ތެރޭގައި ވާޒިފާއާބެހޭ ޓްރައިބިއުނަލް އަށް ލިޔުމުން އެންގުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް އަންގާ އަމުރު ކުރަމެވެ،" މައްސަލަ ނިންމެވި ގޮތުގެ ރިޕޯޓުގައި ވެއެވެ.
މި މައްސަލައިގައި އަލިބެ ގާނޫނީ ވަކީލަކީ ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރެވެ.
އާޒިމާ ވިދާޅުވީ މި މައްސަލަ ޓްރައިބިއުނަލްގައި ނިމުނު ގޮތުން އޮނިގަނޑަށް ގެންނަ ބަދަލެއްގެ ތެރޭގައި މީހުން މަދު ކުރަނީ ކަމަށް ބުނެ މީހުން ވަޒީފާއިން ވަކިކުރާ ކުރުމަށް ގާނޫނީ ގޮތުން ގޮތެއް ކަނޑައެޅުނީ ކަމަށެވެ.