ދައުލަތުގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު އާލާސްކަންފުޅާ އުޅުއްވާތީ އެކަމަނާގެ މައްޗަށް ހުށައަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އަންގާރަ ދުވަހަށް ފަސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ އެ މަޖިލީހުގެ 26 މެމްބަރަކު ސޮއިކުރައްވައި ހުށައަޅާފައިވާ ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިން އޮތީ މާދަމާ އަށް އެޖެންޑާކޮށްފައި ކަމަށެވެ. ނަމަވެސް އެކަމަނާ އާލާސްކަންފުޅާ އުޅުއްވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މިއަދު އަންގަވާފައިވާ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ އެމައްސަލަ މާދަމާ ނުބާއްވަން މަޖިލީހުގެ ރައީސް ނިންމަވާފައިވާ ކަމަށެވެ.

ބަންޑާރަނައިބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެން އޮންނާނީ މާދަމާ ނޫން އަނެއް ދުވަހު ކަމަށް މަޖިލީހުން ބުންޏެވެ.

ބަންޑާރަނައިބު އާޒިމާއާއި ޑިފެންސް މިނިސްޓަރު ނާޒިމުގެ އިތުބާރުނެތްކަމަށް ހުށައަޅާފައިވާ މައްސަލައާ ގުޅިގެން އެދެބޭފުޅުންނަށް މަޖިލީހުން ނޯޓިސް ފޮނުވާފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ.