27 Oct 2013, 16:44
ރާއްޖެޓީވީގެ ނިއުސް ހެޑް އިބްރާހީމް ވަހީދު (އަސްވާޑު)ގެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ބާތިލުކޮށް އެ މައްސަލަ އަނބުރާ ގެންދިއުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ސުޕްރީމް ކޯޓަށް އިލްތިމާސްކޮށްފި އެވެ.
ބްރޯޑްކާސްޓް ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު އަނބުރާ ގެންދިއުމަށް އެދި އެކޮމިޝަނުން އިލްތިމާސްކުރީ އެކޮމިޝަންގެ މެމްބަރުންގެ މެދުގައި ބޭއްވި ބައްދަލުވުމެއްގައި އެކަމާ މެދު މަޝްވަރާކުރުމަށް ފަހު މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ރާއްޖެ ޓީވީން ރިޕޯޓެއް ގެނެސްދީފައި ވާތީ އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު 10 ދުވަހުގެ ތެރޭގައި އެކަން އެންގުމަށް ސުޕްރީމް ކޯޓުން ވަނީ ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަނަށް އަންގާފަ އެވެ.
ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން ފުލުހުންގެ އިދާރާ އިން ވަނީ މިރޭ 8:00 އަށް ފުލުހުންގެ އިދާރާއަށް އަސްވާޑު ހާޒިރުކުރުމަށް ޗިޓް ފޮނުވައިފަ އެވެ.
ބްރޯޑްކާސްޓް ކޮމިޝަނުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ބްރޯޑްކާސްޓް ކުރުމުގެ އެންމެހާ ކަންކަން ބެލުމަށް ބްރޯޑްކާސްޓް ގާނޫނުގެ ދަށުން ބްރޯޑްކާސްޓް ކޮމިޝަންގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފައްދައިފައިވާ ކަމަށެވެ. އަދި ބްރޯޑްކާސްޓް ކުރާ ކޮންޓެންޓާ ގުޅުން ހުރި މައްސަލަތައް ބެލުމުގެ ޒިންމާ އާއި މަސްއޫލިއްޔަތު ބްރޯޑްކާސްޓް ގާނޫނާއި މީޑިއާ ކައުންސިލްގެ ގާނޫނުގެ ދަށުން އެ ދެ މުއައްސަސާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ރާއްޖެގެ ޓީވީން ބްރޯޑްކާސްޓް ކުރި ކޮންޓެންޓެއްގެ މައްސަލައެއް ބެލުމަށް އެ ދެ މުއައްސަސާއާ ބެހޭ ބެހޭ ގާނޫނު ފަހަނައަޅައި، އެ މައްސަލަ ބެލުމަށް ފުލުހުންގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ބުނެފަ އެވެ.