ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މުލަކު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މަޖިލީހުގައި ހިމެނިވަޑައިގެންނަވާ އެމްޑީޕީ އާއި ޑީއާރުޕީ އަށް ނިސްބަތްވެވަޑައިގެންނަވާ 35 މެމްބަރުން ސޮއިކުރައްވަ އެވެ.

އެ މައްސަލަ ހުށަހެޅުއްވުމުގައި އިސްކޮށް އުޅުއްވި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ތިނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ގަސަމް މިއަދު ވިދާޅުވީ މަޖިލީހުގެ ނައިބް ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބް ރައީސްގެ މަގާމުގައި ހުންނަވައިގެން ވަކި ފަރާތަކަށް ބުރަވެ މަސައްކަތް ކުރައްވަމުން ގެންދަވާތީ އާއި މަގާމުގެ ނުފޫޒު ބޭނުން ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

"މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކަމުގެ މަގާމުގައި އިންނަވައިގެން ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް ނުފޫޒު ފޯރުއްވައި، ބޮޑެތި ޖަރީމާތައް ހިންގަމުން ގެންދާ ކަމަށް ފާހަފަކުރެވޭތީ އެ މައްސަލަ މި ހުށަހެޅީ،" ގަސަމް ވިދާޅުވި އެވެ.

އެމްޑީޕީން މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފައިވާ އިރު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ އިން މިއަދު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.