27 Oct 2013, 15:46
ބުރުޒުމަގުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ފިހާރައެއްގެ ބިއްލޫރިގަނޑެއްގައި ސައިކަލެއް ޖެހި މީހަކު ޒަހަމްވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރު 11:30 އެހާކަންހާއިރު ހިނގި މި އެކްސިޑެންޓްގައި ޒަހަމްވެފައިވަނީ އުމުރުން 48 މީހެއް ކަމަށާއި އެ އެކްސިޑެންޓަގައި އެމީހާ ގޮސް ފިހާރައިގެ ބިއްލޫރިގަނޑުގައި ޖެހި، ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ޒަހަމްވި މީހަކަށް އައިޖީއެމްއެޗްގައި އައިސީޔޫގައި ފަރުވާދޭން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެމީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލު އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ޒަހަމްވި މީހާ ސައިކަލެއްގައި ބުރުޒު މަގުން ދުއްވާފައި ދަނިކޮށް، ބުރުޒުމަގުން ފޮށިތަކެއް ހިފައިގެން ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި އިން މީހެއްގެ ފައިގައި އަޅައިގަނެގެން ކަމަށެވެ. އަދި އެވަގުތު އެމީހާ ދުއްވަން އިން ސައިކަލް ކޮންޓްރޯލް ނުކުރެވިގެން ގޮސް ލިލީ އިންވެސްޓްމަންޓް ގުދަން ކުރިމަތީގައި ހުރި ފިހާރައެއް ގޮތަށް ހުރި އިމާރާތެއްގެ ބިއްލޫރިގަނޑަކަށް ޖެހި ބިއްލޫރިތައް ވަނީ ތަޅައިގެން ގޮސްފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކްސިޑެންޓްގައި އެމީހާގެ ގަޔަށް ވެސް ބިއްލޫރިތައް ވަދެފައިވާ ކަމަށެވެ.