ރައީސުލްޖުމްހޫރީއްޔާއަކު އިންތިހާބު ކުރަން ޖެހޭ ތާރީހަށް ރައީސުލްޖުމްހޫރީއްޔާ އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ވެރިކަން ހަވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާ ކުރުމަށް އަމަލު ކުރެވޭނެ ކަމަށް އެމްޑީޕީ އިން ބުނެ އެވެ. ނަމަވެސް ޕީޕީއެމް އިން ބުނަނީ އެކަމަށް އަމަލު ނުކުރެވޭނެ ކަމަށާއި އެއީ ގާނޫނާއި ހިލާފްކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކައިރީ ހުންނަވައި މީޑިއާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ މިއަދު ފާސްކުރިކުރުމަށް އަމަލުކުރެވޭނެ ކަމަށެވެ.

"ގާނޫނު އަސާސީގެ ރޫހަށް ބަލާއިރު ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނެފައި އެބައޮތް ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނޭ އެބާރުތައް ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބައިގައޭ،. އެހެންވީމަ މިތަނުން މިނިންމޭ ނިންމުމަކީ ގާނޫނު އަސާސީގައި ބުނާ ގޮތުން ގާނޫނީ ހުސްކަމަކަށް ނުގޮސް ނިންމޭ ނިންމުމަކަށް ވާންޖެހޭތީ އަޅުގަނޑު ދަންނަވާނީ ވަރަށް ބުރަދަން ބޮޑު ރަނގަޅު ނިންމުމެކޭމިއީ،" މޫސާ މަނިކު ވިދާޅުވި އެވެ.

އެމައްސަލައާ ގުޅޭ ގޮތުން ޕީޕީއެމްގެ ޕާލަމެންޓުރީ ގުރޫޕުގެ މެމްބަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ސުޕުރީމް ކޯޓުން ވަކިގޮތެއް ނިންމާފައިވަނިކޮށް މިއަދު ނެގި ވޯޓަކީ ނެގޭނެ ވޯޓެއް ކަމަށް ގަބޫލް ނުކުރާ ކަމަށެވެ. އަދި މިއަދު ވޯޓަކީ ބާތިލު ވޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ނާއިބު ރައީސް އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބް ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދު މަޖިލީހުން ފާސްކުރި މައްސަލައަކީ ދުސްތޫރީ މައްސަލައަކަމަށާއި އެކަން ނިންމަން ޖެހޭނީ ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށެވެ. އަދި މިއަދު އެމްޑީޕީ އިން ފާސްކުރި ކަހަލަ ގަރާރެއް މަޖިލީހަށް ހުށައެޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަބުއްރަހީމް ވިދާޅުވި އެވެ.

އެމައްސަލައާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ކުޅުއްދުއްފުށީ ދެކެނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގެ ރޫހަށް ބަލާ އިރު ނޮވެންބަރު 11 އަށް ރައީސް އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ގާނޫނު އަސާސީ އަށް ބަދަލު ނުގެނެސް މަޖިލީހުން ފާސްކުރާ ގާނޫނަކުން ނުވަތަ ގަރާރަކުން ވެސް މަޖިލީހުގެ ރައީސް އަށް ނުވަތަ މަޖިލީހުގެ މެންބަރަކަށް ވެރިކަމުގެ ބާރުތައް ހަވާލު ނުކުރެވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކޮށްފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ކަންކަމާ ގުޅިގެނެވެ. އެއީ އަންނަ ނޮވެމްބަރު 11 އަށް ރިޔާސީ ދައުރު ހަމަވާތީ، އެ ތާރީހާ ހަމަޔަށްދާ އިރު، އިންތިހާބު ކުރާ ރައީސަކު ނެތުމުގެ ފުރުސަތު އޮތުމުން ގާނޫނީ މައްސަލަތަކެއް ދިމާވެދާ ނެތީ ރައީސް ހުށަހަޅުއްވާފައިވާ މައްސަލަ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރައީސް ވަހީދު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ މިހާރު އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބު ބޭއްވެވުމަށް ހަމަޖައްސަވާފައިވާ ތާރީހުތަކުގައި އިންތިހާބު ބާއްވާ ނަމަ ނޮވެމްބަރު 11ގައި ރިޔާސީ ދައުރު ހަމަވެގެންދާއިރު ވެސް ގާނޫނު އަސާސީގެ 111 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިންތިހާބު ކޮށްފައިވާ ރައީސަކު ނެތުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެފަދަ ހާލަތަކީ ގާނޫނީ މައްސަލަތަކެއް ދިމާވާނެ ހާލަތަކަށް ވާތީ އެ މައްސަލައަށް މަޖިލީހުގެ ތެރެއިން ހައްލެއް ހޯދައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.