27 Oct 2013, 14:49
ރިޔާސީ އިންތިހާބުގެ ކަންކަމުގައި މަޝްވަރާ ކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީން އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު އާ ބައްދަލުކުރުމަށް ނިންމައިފި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ (ޓީވީމުއާ) މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކަންކަމުގައި އެ ދެ ބޭފުޅުން މަޝްވަރާ ކުރެއްވުމަށް ނިންމާފައިވާ ކަމަށާއި އަދި ވަރަށް އަވަހަށް އެ ބައްދަލުވުން އޮންނާނެ ކަމަށެވެ.
"ރިޔާސީ ކެންޑިޑޭޓް ޔާމީން އަބުދުލްގައްޔޫމް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާ ވެސް ބައްދަލުކުރައްވާނެ، ރިޔާސީ އިންތިހާބުގެ ކަންކަމުގައި އެއްބަޔަކު އަނެއްބަޔަކު އެއްބާރުލުން ދިނުމުގެ ގޮތުން،" މުއާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެބައްދަލުވުމުގެ ދައުވަތު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް މިހާރު އަރުވާފައިވާ އިރު ވަރަށް އަވަހަށް އެބައްދަލުވުން އޮންނާނެ ކަމަށެވެ. ވަކި ދުވަހެއް މުއާޒު ވިދާޅެއް ނުވެ އެވެ.
މުއާޒް އިތުރަށް ވިދާޅުވީ އެމްޑިޕީގެ އިސްވެރިންނާއި ޕީޕީއެމްގެ އިސްވެރިން ވެސް ވަރަށް އަވަހަށް ބައްދަލުކޮށް ރިޔާސީ އިންތިހާބުގެ ކަންކަމުގައި މަޝްވަރާކުރާނެ ކަމަށެވެ.