27 Oct 2013, 14:46
ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ހަމަޖައްސަން ނިންމާފައި ވަނީ ރާއްޖޭގެ ކޯޗެއް ނޫން ކަމަށާއި އެމަގާމަށް ހަމަޖައްސާނީ ބޭރުގެ ކޯޗެއް ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އިލްހާމް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަންއާ ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ، ކޯޗަކު ހޯދުމުގެ މަސައްކަތް އެފްއޭއެމްއިން ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމް އެކުވެރި ކަމުގެ މެޗުތަކެއް ކުޅެން އަންނަ މަހުގެ ކުރީކޮޅު ސީސެލްސް އަށް ދިއުމުގެ ކުރިން ބޭރު ކޯޗެއް ހަމަޖެހޭނެ ކަމުގެ ޔަގީންކަން އެބޮތް ކަމަށެވެ.
"މިހާރުވެސް ބޭރުގެ ކޯޗުންގެ ސީވީތައް ވަނީ ލިބިފަ. އޭގެ ތެރެއިން ރަނގަޅު ކޯޗުންގެ ނަން އެފްއޭއެމްގެ އެގްޒެކްޓިވް ކޮމެޓީ (އެކްސްކޯ) އަށް ފޮނުވާނެ. އަޅުގަނޑުމެން މަސައްކަތް މިކުރަނީ ވީހާވެސް އަވަހަކަށް ކޯޗަކު ހަމަޖެއްސޭތޯ." އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ، ސީސެލްސް މެޗުގެ ކުރިން ބޭރުގެ ކޯޗަކު ހަމަނުޖެއްސިއްޖެ ނަމަ ދިވެހި ކޯޗަކާއެކު ގައުމީ ޓީމް ސީސެލް މެޗަށް ފަރިތަކުރުންތައް ފަށާނެ ކަމަށެވެ. އެހެން ނަމަވެސް އެމެޗަށް ޓީމުގެ ފަރިތަކުރުންތައް ފަށާނެ ވަކި ތާރީހެއް އިލްހާމް ވިދާޅެއް ނުވެ އެވެ.
ސަންއަށް އެނގިފައިވާގޮތުން ގައުމީ ކޯޗު ކަމުގެ މަގާމަށް ހަ ކޯޗަކު ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އޭގެ ތެރޭގައި ޔޫރަޕްގެ ދެ ކޯޗަކު ހިމެނެ އެވެ.
ޗެލެންޖު ކަޕަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމް ރާއްޖެއިން ބޭރުގައި ތިން މެޗް މިހާރު ޔަގީން ވެފައިވައިވާއިރު އޭގެ ތެރެއިން ދެ މެޗު ކުޅޭނީ ސީސެލްސްގައި ކަމަށާއި އަނެއް މެޗު ކުޅެން ހަމަޖެހިފައިވަނީ އިންޑިއާގައި ކަމަށް އެފްއޭއެމް އިން ކުރިން ވަނީ ބުނެފަ އެވެ.
މީގެ ކުރިން އެފްއޭއެމްގެ އިސް އޮފިޝަލަކު ސަންއަށް ވިދާޅުވީ ކުރިއަށް އޮތް ޗެލެންޖް ކަޕަށް ތައްޔާރު ވުމަށް ގައުމީ ޓީމަށް ކޯޗަކު ހޯދުމަށް އެފްއޭއެމް އިން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިން ގައުމީ ޓީމަށް ކޯޗުކަން ކޮށްދީފައިވާ އެއްވެސް ކޯޗަކާ ގައުމީ ޓީމް މިފަހަރު ހަވާލް ކުރުމުގެ ވިސް ނުމެއް އަދި ނުގެން ގުޅޭ ކަމަށެވެ.
ގައުމީ ޓީމަށް ކޯޗަކު މި ހޯދަނީ އެ މަގާމުގައި ހުރި ހަންގޭރީގެ ކޯޗު އިސްޓަވާން އުރުބާނީ މަގާމުން ވަކި ކުރުމުންނެވެ.