27 Oct 2013, 14:18
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހަކަށް އިތުރަށް ފަރުވާ ދިނުމަށް ސްރީލަންކާ އަށް ގެންގޮސްފި އެވެ.
އެ ހާދިސާގައި ރާއްޖެ އިން ބޭރަށް ފަރުވާދިނުމަށް ގެންދިޔަ މީހަކީ އެ ރަށު ޖޫލިއެޓްގޭ، އަބްދުލްހަންނާނު،38، އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ފުވައްމުލަކުގައި ހިނގި އެކްސިޑެންޓްގައި ދެ މީހަށް އައިއެމްއެޗްގައި ފަރުވާދެމުން ގެންދިޔަ ކަމަށެވެ. އަދި އޭގެތެރެއިން އެކެއްގެ ހާލު ވަރަށް ބޮޑަށް ސީރިއަސް ވެގެން ރޭގެ ވަގުތެއްގައި އިތުރު ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވާލައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވެންޓިލޭޓަރުގެ އެހީގައި ރާއްޖެ އިން ބޭރަށް ގެންދިޔަ އެ ޒުވާނާ އަށް ލިބުނު ޒަހަމްތަކުގެ ތަފްސީލު އާއިލާ އިން ބޭނުން ނުވާތީ އޮފިޝަލް ނުދެއްވަ އެވެ.
ފުވައްމުލަކު އަތޮޅު ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު އިސްމާއިލް މިއަދު އެ ހާދިސާގައި ޒަހަމްވި ދެ މީހުންގެ ތެރެއިން ރޭގެ ވަގުތެއްގައި ލަންކާ އަށް ފޮނުވާލި މީހާގެ އެންމެ ބޮޑަށް ޒަހަމްވެފައި ވަނީ އޭނާގެ ވައާތު ފައި މަށެވެ.
"އެނާ ވައާތުފައިގައި ހުރިހާ ޒަހަމްތަކެއް ވެސް ހުރީ. އެގޮތުން ފައިގެ ކަކުލުން ތިރި ބިންދައިގެން ގޮސް، ފައިތިލަ ވެސް ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި. މީގެ އިތުރުން ކޮލު ކަށިގަނޑު ބިންދައިގެން ގޮސް، ބޮލަށް ވެސް ގެއްލުންތަކެއް ލިބިފައި ވަނީ. ކަނާތު ކަންފަތް ކައިރީގެ ކަށިގަނޑަށް ލިބުނު ގެއްލުމެއްގެ ސަބަބުން ސިނކުޑި އަށް ކޮންމެ ވެސް ވަރަކަށް ލޭ އަރާފައި ހުރީ،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
ފުވައްމުލަކު ދޫޑިގަމު އަވަށުގައި ދެ ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓްގައި މަރުވި ޒުވާނަކީ އެ ރަށު ނާޝިދާ މަންޒިލް، އަހުމަދު ޖަލީލު، 27، އެވެ.