ރިޔާސީ އިންތިޚާބު ބާތިލުކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު ދީފައިވާ ގައިޑްލައިންތަކުގައި ބުނެފައިވާ ފުލުހުންގެ ދައުރަކީ ކޮބައިކަން އިތުރަށް ސާފުކޮށްދިނުމަށް އެދި ޕީޖީ އޮފީހާއި ސުޕްރީމް ކޯޓުގައި ފުލުހުން އެދިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ސޮއި ކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު ޕީޖީ އޮފީހާއި ސުޕްރީމްކޯޓަށް ސިޓީއެއް ފޮނުވާފައި ވަނީ ފުލުހުންގެ ދައުރާއި މަސައްކަތްތަކާ ގުޅޭ ގޮތުން އެކިފަރާތްތަކުން ސުވާލު އުފައްދަމުން ދާތީ ކަމަށެވެ.

އެ ސިޓީގައި އެދިފައިވާނީ އިންތިޚާބާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ގައިޑްލައިންތަކުގައި ބުނެފައިވާ ކަންތައްތައް އިތުރަށް ސާފުކޮށްދިނުމަށް ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

މިމަހުގެ 19 ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނިކޮށް ފުލުހުން އެކަމަށް ހުރަސްއަޅާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީ އަށް ކޮމިޝަނާ އޮފް ޕޮލިސް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.