ރައީސުލްޖުމްހޫރީއްޔާއަކު އިންތިހާބު ކުރަން ޖެހޭ ތާރީހަށް ރައީސުލްޖުމްހޫރީއްޔާ އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ވެރިކަން ހަވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިޙް ހުށަހެޅުއްވި އެ ހުށަހެޅުން ފާސްވެފައި ވަނީ 39 މެމްބަރުން ފެންނަ ކަމަށް ވޯޓް ދެއްވައިގެންނެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

މިއަދުގެ ވޯޓުގައި ޕީޕީއެމާއި އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީގެ އިތުރުން ގައުމީ ޕާޓީން ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

އިބޫގެ ހުށަހެޅުމުގައި ބުނެފައި ވަނީ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭގަނޑު 12:00 އަށް ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ވެރިކަމުގެ ބާރުތަކާ ހަވާލު ވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ވެރިކަމުގެ ބާރުތަކާ ހަވާލުވެވެން ނެތް ނަމަ ވެރިކަމުގެ ބާރުތަކާ ހަވާލު ވާނީ މަޖިލީހުގެ ނައިބް ރައީސް އެވެ. އަދި މަޖިލީހުގެ ނައިން ރައީސް އަށް ވެރިކަމުގެ ބާރުތަކާ ހަވާލުވެވެން ނެތް ނަމަ ވެރިކަމުގެ ބާރުތަކާ ހަވާލު ވާނީ މަޖިލީހުން ފާސްކުރާ ގަރާރަކުން ކަނޑައަޅާ މަޖިލީހުގެ މެންބަރެއް ކަމަށެވެ.

އޭނާގެ ހުށަހެޅުމުގައިވާ ގޮތުން މަޖިލީހުގެ ރައީސް ވެރިކަމާ ހަވާލުވާތާ 21 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރެއް ބާއްވަން ޖެހޭނެ އެވެ. އަދި ފުރަތަމަ ބުރުން ރައީސަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ގާނޫނު އަސާސިގައި ބުނެފައިވާ ގޮތުގެ މަތިން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭނެ އެވެ. އަދި ރައީސަކު އިންތިހާބު ކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަން އިން ރަސްމީ ނަތީޖާ އިއުލާންކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރާތާ 18 ގަޑިއިރު ތެރޭ އަލަށް އިންތިހާބު ކުރެވިފައިވާ ރައީސް އާއި ނައިބް ރައީސް އަށް ވެރިކަމުގެ ބާރުތައް ހަވާލު ކުރަން ޖެހޭނެ އެވެ.

ޕީޕީއެމް އިން މިއަދުގެ ވޯޓުގައި ބައިވެރި ނުވާން ނިންމި ސަބަބާއި ބެހޭގޮތުން ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު "ސަން" އަށް ވިދާޅުވީ ނޮވެމްބަރު މަހުގެ 11ގެ ނިޔަލަށް ރައީސް އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ކަންކުރާނެ ގޮތް ސުޕުރީމް ކޯޓުގެ ހުކުމްގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ޝާހިދާ ވެރިކަން ހަވާލުކުރަން އެމްޑީޕީ އިން ހުށައަޅާފައިވާ ހުށައެޅުމުގެ ވޯޓުގައި ޕީޕީއެމް އާއި އެމްޑީއޭގެ އިތުރުން ޖުމްހޫރީ ޕާޓީ އިން ބައިވެރިނުވާން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކޮށްފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ކަންކަމާ ގުޅިގެނެވެ. އެއީ އަންނަ ނޮވެމްބަރު 11 އަށް ރިޔާސީ ދައުރު ހަމަވާތީ، އެ ތާރީހާ ހަމަޔަށްދާ އިރު، އިންތިހާބު ކުރާ ރައީސަކު ނެތުމުގެ ފުރުސަތު އޮތުމުން ގާނޫނީ މައްސަލަތަކެއް ދިމާވެދާ ނެތީ ރައީސް ހުށަހަޅުއްވާފައިވާ މައްސަލަ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ ޝާހުދަށް ރައީސް ވަހީދު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ މިހާރު އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބު ބޭއްވެވުމަށް ހަމަޖައްސަވާފައިވާ ތާރީހުތަކުގައި އިންތިހާބު ބާއްވާ ނަމަ ނޮވެމްބަރު 11ގައި ރިޔާސީ ދައުރު ހަމަވެގެންދާ އިރު ވެސް ގާނޫނު އަސާސީގެ 111 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިންތިހާބުކޮށްފައިވާ ރައީސަކު ނެތުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެފަދަ ހާލަތަކީ ގާނޫނީ މައްސަލަތަކެއް ދިމާވާނެ ހާލަތަކަށް ވާތީ އެ މައްސަލައަށް މަޖިލީހުގެ ތެރެއިން ހައްލެއް ހޯދައިދިނުމަށް އެދިވަޑައިގެންފައިވެ އެވެ.