ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސައިން އިބްރާހިމްގެ މައްޗަށް އިމިގްރޭޝަން ޑިޕިއުޓީ ސްޓޭޓް މިނިސްޓަރު އާދަމް ނަސީރު އަބުރުގެ ދައުވާ ކުރައްވަން ތައްޔާރުވެ ވަޑައިގެންފި އެވެ.


އާދަމް ނަސީރު ވިދާޅުވީ  ބުދަ ދުވަހު ހެނދުނު ސިވިލް ކޯޓު ހުޅުވުމާއެކު މައްސަލަ ކޯޓަށް ވައްދާނެ ކަމަށެވެ.


ސްޓޭޓް މިނިސްޓަރު އާދަމް ނަސީރު ކޮންޓްރޯލާ އިލްޔާސްގެ މައްޗަށް ކުރައްވާ ދައުވާގައި ބުނަނީ ނޮވެމްބަރު 21، 2010 ވަނަ ދުވަހު ދި ޓީވީގެ "ހަބަރު ތެރެއިން" ޕްރޮގަރާމްގައި ކޮންޓްރޯލާ، އޭނާއާ ދިމާއަށް "ކަރަޕްޝަނުން ފުރިފައިވާ މީހެއް" ކަމަށް ބުނެފައިވާ ކަމަށާއި އޭނާ ހއ.  އަތޮޅު އޮފީހުގައި މަސައްކަތް ކުރެއްވެވި އިރު އަތޮޅުގޭގެ ތެލިތަށިތައް ވަގަށް ގެންގޮސްފައިވާ ކަމަށް ދޭހަވާ ގޮތަށް ކޮންޓްރޯލާ ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.


"... އަދި އަޅުގަނޑަކީ އެއްވެސް އެއްޗެއް ނޭނގޭ މީހެއް ކަމަށް ބުނެ ރާއްޖޭގެ ގިނަ ބަޔަކު ބަލަމުންދިޔަ ޕްރޮގްރާމެއްގައި އަޅުގަނޑުގެ އަބުރާއި އިތްޒަތް ނަގާލާފައި ވެއެވެ. އަދި ވަރަށް ދަށު ދަރަޖައިގެ ބަހުރުވައިން އަޅުގަނޑުގެ އަބުރު ގެއްލޭފަދަ ގޮތަކަށް  ދޮގުވާހަކަ ދައްކަވާފައިވެއެވެ،" ދައުވާގެ ހުލާސާގައި ވެއެވެ.


ޑެޕިއުޓީ ސްޓޭޓް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ އޭނާއަކީ ސްޓޭޓް މިނިސްޓަރު އަދި ކޮންޓްރޯލާއާ އެއް އޮފީހެއްގައި މަސައްކަތްކުރާ މީހަކަށްވާއިރު ކޮންޓްރޯލާގެ އެ އަމަލުގެ ސަބަބުން އޮފީހުގެ މުވައްޒަފުންގެ ކުރިމަތީގައި އޭނާގެ އަގުވެއްޓިފައިވާ ކަމަށެވެ. ".. އަޅުގަނޑުގެ އެ ރަށަކަށް ނިސްބަތްވާ (ހއ) ދިއްދޫ  ރައްޔިތުންގެ ނަފުރަތު ލިބޭ ފަދަ ގޮތަކަށް އަޅުގަނޑަކީ ކަރްޕްޝަނާއި ފަސާދައިން ފޯވެފައިވާ މީހެއް ކަމަށް ބުނުމުން ދިވެހި ރައްޔިތުން އަދި ހާއްސަކޮށް އަޅުގަނޑުގެ އަތޮޅާއި ރަށުގެ ރައްޔިތުން އަޅުގަނޑާމެދު ދެކޭ ގޮތް  ބަދަލުވެ އިތުބާރު ގެއްލިފައިވާ ކަމަށެވެ،"


ސްޓޭޓް މިނިސްޓަރު އާދަމް ނަސީރު ކޮންޓްރޯލާގެ މައްޗަށް އަބުރުގެ ދައުވާ ކުރެއްވި ނަމަވެސް އަބުރުގެ ބަދަލު ނަގައި ދިނުމަށް އެދިވަޑައިގެންފައެއް ނުވެ އެވެ. ދައުވާގެ އެ ބައިގައި ބުނެފައި ވަނީ އޭނާގެ އަބުރާ ބެހިގެން ލިބިފައިވާ ގެއްލުމަކީ އަގުދީގެން އަދާކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.


"އަޅުގަނޑު އެދެނީ ޝަރީއަތުން އިލްޔާސް ހުސައިންގެ މައްޗަށް ދި ޓީވީގެ ޕްރޮގްރާމެއް މެދުވެރިކޮށް އަޅުގަނޑުގެ ކިބައިން މާފަށް އެދުމަށެވެ،"  ދައުވާގައިވެ އެވެ.


ސްޓޭޓް މިނިސްޓަރު، އަދި ކޮންޓްރޯލާ އިލްޔާސާއި ޑިޕިއުޓީ ސްޓޭޓް މިނިސްޓަރު އާދަމް ނަސީރާއި ދެބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލު ކުރެވެން ފެށީ އިމިގްރޭޝަން ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލަ އުފެދުނު ހިސާބުން ފެށިގެނެވެ.