އަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމާއި އިންތިހާބާ ބެހޭ އެކި ދަތުރުތައް ކުރުމަށް ހަވާލުވެފައި ވަނީ އެމްއެންޑީއެފް އިން ނޫން ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްޑީއެފްގެ ތަރުޖަމާނު ކާނަލް އަބްދުއްރަހީމް މިއަދު ވިދާޅުވީ އިންތިހާބާއި ގުޅޭ ކަންކަންމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ބެހޭ ގޮތުންނާއި އިންތިހާބާއި ގުޅޭ އެކި ދަތުރުތައް ކުރުމާއި ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަނާއި އެމްއެންޑީއެފް އިން އެކި މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މަޝްވަރާތަކަށް ފަހު ވޯޓުފޮށިތަކާއި ވޯޓުކަރުދާސްތައް ރަށްރަށާއި އެކި ތަންތަނަށް އުފުލުން ފުލުހުން ހަވާލުކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް ދަތުރުތައް ކުރުމުގައި ފުލުހުން އެހީތެރިކަމަށް އެދިއްޖެ ނަމަ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ފުލުހުންގެ ދަތުރުތަކުގައި ބޭނުންކުރާ އުޅަނދެއް ހަލާކުވެގެން ނުވަތަ ނުވަތަ އެނޫން ވެސް ސަބަކާ ހުރެ ފުލުހުނަށް އެކަން ކުރުމުގައި ދަތިކަމެއް ދިމާވެއްޖެ ނަމަ އެމްއެންޑީއެފް އިން އެހީތެރިވެދޭނޭ ދަތުރުތަކުގައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ނަމަވެސް އިންތިހާބާ ބެހޭ ސެކިއުރިޓީ ކަންކަން އެމްއެންޑީއެފް އިން ހަވާލު ވެފައިނުވާ އިރު އެކަން ހަވާލުކޮށްފައި ވަނީ ކޮންބަޔަކާއިކަން ހާމަކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމާއި އިންތިހާބާ ބެހޭ އެކި ދަތުރުތައް ކުރުން އެމްއެންޑީއެފް ހަވާލުނުވާ ގޮތަށް ނިންމާފައިވާ އިރު މިކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.