27 Oct 2013, 12:57
ހއ. ތަކަންދޫގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ސަން" އަށް ވިދާޅުވީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެރަށުން 69 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ހައްޔަރު ކޮށްފައިވަނީ އެ އަތޮޅު އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ޓީމެއް އެރަށްގޮސް ރޭ 22:40 ހާއިރު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މައްސަލަ ކުރިއަށްދާތީ އެއްވެސް އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
"ސަން" އަށް މައުލޫމާތު ދެމުން އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އުމުރުން ހަ އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު، ނޫރަންމާގޭ، އަބްދުއް ސަމަދު އިބްރާހިމް (ތުއްތުބެ) ކަމަށެވެ. އެމީހާ އަދި ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ކުޑަކުއްޖާގެ އާއިލާއިން ކަމަށެވެ.