27 Oct 2013, 13:02
ޅ. ކުރެންދޫ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ، ކުރެންދޫ ޑިވެލޮޕްމަންޓް ކުލަބް (ކޭޑީސީ) އިން އިންތިޒާމް ކޮށްގެން ބާއްވާ ފުޓްބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކޭޑީސީ ފުޓްބޯޅަ މުބާރާތް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކޯޑިނޭޓާ އިސްމާއިލް މަދީހް "ސަން"އަށް ވިދާޅުވީ، މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ކަމަށާއި އެގޮތުން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ކުރެންދޫގެ އަލިވާލާ ސްޓޯރުން ދޫކުރަން ފަށާފައި ވާއިރު، މުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށް މަދީހް ވިދާޅުވި އެވެ.
މަދީހް ވިދާޅުވީ މިމުބާރާތަކީ ކުރެންދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް ޝައުގުވެރިކަން އުފެއްދުމުގެ ގޮތުން ކޭޑީސީން އިސްނަގައިގެން ބާއްވާ މުބާރާތަކަށް ވާތީ މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ކުރެންދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކަމަށެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000ރ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައި ވަނީ 2500ރ. އެވެ. އަދި ފެއާޕްލޭ ޓީމަށް 1000ރ. ދިނުމަށްވަނީ ހަމަޖެހިފަ އެވެ.
މަދީހް ވިދާޅުވީ، މި މުބާރާތް ކުރިއަށް ގެންދިއުމުގައި ރަށު ކައުންސިލާއި ރަށުގެ ރައްޔިތުންގެ އިތުރުން ކުލަބް ޖަމިއްޔާތަކުގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބެމުން އަންނަ ކަމަށެވެ.