ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަށް ރައީސުލްޖުމްހޫރީއްޔާއަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ވެރިކަމުގެ ބާރުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ހަވާލު ކުރަން ހުށަހަޅައިފި އެވެ.

ގާނޫނު އަސާސީގައި ބުނެފައިވާ ތާރީހަށް ރައީސަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވެރިކަމުގެ ބާރުތައް ހަވާލު ކުރުމަށް ހުށަހަޅާފައި ވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިޙް (އިބޫ) އެވެ.

އިބޫ ހުށަހެޅުއްވި ހުށަހެޅުމުގައި ބުނެފައި ވަނީ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭގަނޑު12:00 އަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ވެރިކަމުގެ ބާރުތަކާ ހަވާލު ވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ވެރިކަމުގެ ބާރުތަކާ ހަވާލުވެވެން ނެތް ނަމަ ވެރިކަމުގެ ބާރުތަކާ ހަވާލު ވާނީ މަޖިލީހުގެ ނައިބް ރައީސް އެވެ. އަދި މަޖިލީހުގެ ނައިން ރައީސް އަށް ވެރިކަމުގެ ބާރުތަކާ ހަވާލުވެވެން ނެތް ނަމަ ވެރިކަމުގެ ބާރުތަކާ ހަވާލު ވާނީ މަޖިލީހުން ފާސްކުރާ ގަރާރަކުން ކަނޑައަޅާ މަޖިލީހުގެ މެންބަރެއް ކަމަށެވެ.

އެ ހުށަހެޅުމުގައިވާ ގޮތުން މަޖިލީހުގެ ރައީސް ވެރިކަމާ ހަވާލުވާތާ 21 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރެއް ބާއްވަން ޖެހޭނެ އެވެ. އަދި ފުރަތަމަ ބުރުން ރައީސަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ގާނޫނު އަސާސިގައި ބުނެފައިވާ ގޮތުގެ މަތިން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭނެ އެވެ. އަދި ރައީސަކު އިންތިހާބު ކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަންއިން ރަސްމީ ނަތީޖާ އިއުލާންކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރާތާ 18 ގަޑީއުރު ތެރޭ އަލަށް އިންތިހާބު ކުރެވިފައިވާ ރައީސް އާއި ނައިބް ރައީސް އަށް ވެރިކަމުގެ ބާރުތައް ހަވާލު ކުރަން ޖެހޭނެ އެވެ.

ނޮވެންބަރު މަހުގެ 11 އަށް ރައީސް އަކު ދިމާވެދާނެ ގާނޫނީ މައްސަލަތަކަށް ހަލެއް ހޯދަވައިދެއްވުމަށް ރައީސް ޑރ. ވަހީދު މަޖިލީހުގެ ރައީސް އަށް ފޮނުއްވި ސިޓީ އަށް ވާހަކަފުޅު ދައްކަވަމުން ކުޅުއްދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގެ ރޫހަށް ބަލާ އިރު ނޮވެންބަރު 11 އަށް ރައީސް އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ގާނޫނު އަސާސީ އަށް ބަދަލު ނުގެނެސް މަޖިލީހުން ފާސްކުރާ ގާނޫނަކުން ނުވަތަ ގަރާރަކުން ވެސް މަޖިލީހުގެ ރައީސް އަށް ނުވަތަ މަޖިލީހުގެ މެންބަރަކަށް ވެރިކަމުގެ ބާރުތައް ހަވާލު ނުކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ރާއްޖެ އަށް ދިމާވެފައިވާ ހާލަތަކީ މީގެ ކުރިން ދުނިޔޭގެ ބައެއް އެހެން ގައުމުތަކަށް ވެސް ދިމާވެފައިވާ ހާލަތެއް ކަމަށެވެ. އެގޮތުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ ހަދާފައި ވަނީ އެމެރިކާގެ ގާނޫނު އަސާސީ އަސްލަކަށް ބަލައިގެން ކަމަށެވެ. އަދި މިހާރު ރާއްޖެ އަށް ދިމާވެފައި މިވާ ހާލަތު މީގެ ޒަމާންތަކެއް ކުރިން އެމެރިކާ އަށް ދިމާވި ކަމަށައި އެ މީހުން ވެސް މައްސަލަ ހައްލު ކުރީ ގާނޫނު އަސާސީ އަށް އިސްލާޙް ގެނެސްގެން ކަމަށެވެ.

ރައީސް އަކު އިންތިހާބު ކުރަން ޖެހޭ ތާރީހަށް ރައީސް އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ އަމަލު ކުރާނެ ގޮތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ތަރުޖަމާން އަދި ގަލޮޅުދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ނޮވެންބަރު 11 އަށް އާ ރައީސް އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ އަމަލުކުރަން ޖެހޭނެ ގޮތް ސުޕްރީމް ކޯޓުގެ ހުކުމަކުން ބުނެދީފައިވާ ކަމަށެވެ. އެހެންކަމުން ރައީސް އަކު އިންތިހާބު ކުރަން ޖެހޭ ތާރީހަށް ރައީސް އަކު އިންތިހާބު ކުރެވެންދެން މިހާރުގެ ރައީސުލްޖުމްހޫރީއްޔާ ދެމިހުންނާނެ ކަމަށެވެ. އަދި ސިޔާސީ މަސްރަހު އޮތް ގޮތުން އެއްވެސް ހާލަތެއްގައި މަޖިލީހުގެ ރައީސް އަށް ވެރިކަމުގެ ބާރުތައް ހަވާލު ކުރުމަށް ޕީޕީއެމް އިން ތާއިދު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި ވާހަކަފުޅު ދައްކަވަމުން ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ވިދާޅުވީ ނޮވެންބަރު 11 އަށް އާ ރައީސް އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ވެރިކަމުގެ ބާރުތައް އެހެން ފަރާތަކާއި ހަވާލު ކުރެވޭނީ ގާނުނު އަސާސީ އަށް އިސްލާހް ގެނެސްގެން ކަމަށެވެ. އެ ނޫން ގޮތަކަށް އެކަން ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ދިމާވެފައިވާ މައްސަލަ އަކީ ޝަރުޢީ ދާއިރާއިން ހައްލު ކުރަން ޖެހޭ މައްސަލައެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި އެ ނިންމުން ނިންމަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

ނޮވެންބަރު 11 އަށް ރައީސް އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ދިމާވެދާނެ މައްސަލަ ތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޖުމްހުޜި ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިލްހާމް އަހުމަދު ވިދާޅުވީ ގާނޫނު އަސާސީގައި ބުނެފައިވާ ތާރީހަށް ރައީސް އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ސުޕްރީމް ކޯޓުގެ ހުކުމާ އެއް ގޮތަށް ވެރިކަމުގައި ހުންނާނީ މިހާރުގެ ރައީސުލްޖުމްހޫރީއްޔާ ކަމަށެވެ. އަދި އެމަނިކުފާނު އެގޮތް ބޭނުން ނުވާ ނަމަ "ކުޑަ ވަގުތުކޮޅަކަށް" ނަމަވެސް ވެރިކަމުގެ ބާރުތައް ހަވާލު ކުރުން އެންމެ އެކަށީގެންވަނީ ސިފައިންނާ ކަމަށް އިލްހާމް ވިދާޅުވި އެވެ.