27 Oct 2013, 12:45
ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމުގެ މައްސަލައެއް މިއަދު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީއާ އެމްޑީއޭ އަދި އަދާލަތު ޕާޓީ އަށް ނިސްބަތްވެވަޑައިގެންނަވާ 15 މެމްބަރުން ސޮއިކުރައްވަ އެވެ. އެ މައްސަލަ މަޖިލީހުގެ އިދާރާ އަށް ހުށަހަޅައިފައިވާ ކަން މަޖިލީހުގެ އިދާރާ އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެ މައްސަލަ ހުށަހެޅުއްމުގައި އިސްކޮށް އުޅުއްވި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ސަން އަށް ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައެއް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާނޫނާއި ގަވާއިދާ ހިލާފަށް އެތައް ކަންތައްތަކެއް ކުރައްވަމުން ގެންދަވާތީ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަވައި، ރައްޔިތުންގެ މަޖިލީހުގެ ހުރުމަތް ކަނޑާލައްވައި ސުޕްރީމް ކޯޓުގެ ހުކުމްތަކަށް ގޮންޖައްސަވައި ބަޔާންތައް ނެރުއްވަމުން ގެންދަވާ މައްސަލަ ނިހާން ފާހަގަ ކުރެއްވި އެވެ.
މީގެއިތުރުން ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވި މިހާރު ވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ހިނގަމުންދާ ފަރާތެއް މަޖިލީހުގެ އިދާރާގެ ތެރޭގައި ފޮރުވައިގެން، މުޅި މަޖިލީހުގެ ކަރާމާތަށް ގެއްލުންދެމުން ގެންދަވާތީ މަޖިލީހުގެ ރައީސްގެ މަގާމުގައި އަބްދުﷲ ޝާހިދު އިތުރަށް ބަހައްޓަން ނުފެންނާތީ ކަމަށް ނިހާން ވިދާޅުވި އެވެ.
" އަބްދުﷲ ޝާހިދުގެ އަމަލްތައް މިހާރު ހުރީ ގޮންމުށުގެ ބާރުގައި ކަންކަން ކުރުމުގެ އުސޫލުގައި. ޖިނާއީ ކުށެއްގެ ތުހުމަތ ކުރެވިފައިވާ ބޭފުޅަކު މަޖިލީސް ތެރޭގައި ބަހައްޓަމުން އެގެންދަނީ. އެމީހަކަށް ކާންދިނުމާއި މިތަނުގެ ތެރޭގައި ޑިގުކުޅުމާ ހަމައަށް. ރޭގަނޑު ދަޅާގައި އަޅުގަނޑުމެންގެ މަޖިލީހުގެ އިމާރާތުގެ ތެރެ މިބޭނުން ކުރަމުން ގެންދަނީ މަޖިލީހުގެ ރައީސަށް އެނގިވަޑައިގެން ރާއްޖޭގައި ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް. އެކަންތައްތައް އެގޮތަށް ކުރުމުގެ ސަބަބުން މާދަމާ ކުށްވެރިވާ އެހެން އާއްމު ރައްޔިތު މީހާ މިތަނުގެ ހަތަރު ފާރުތެރެ އަށް ވަންނަ ހިސާބުން އެއޮތީ ބޮޑެތި މަސްލަހަތުތަކެއް ނުކުމެފައި،" ނިހާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ޝާހިދު ޑީއާރުޕީގައި ހުންނަވަނިކޮށް އެމްޑީޕީން ވެސް ހުށަހެޅި އެވެ.