27 Oct 2013, 12:45
ލުއިސް ސުއަރޭޒްގެ ހެޓްރިކާ އެކު 4-1 ލަނޑުން އިނގިރޭސި ލީގުގައި ރޭ ވެސްޓް ބްރޮމް އަތުން ލިވަޕޫލް މޮޅު ވެއްޖެ އެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ރޭކުޅުނު ފޯރިގަދަ މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނިޓުގައި ހުނަރުވެރި އުރުގުއޭ ފޯވާޑް ކާމިޔާބުކުރީ ވެސްބްރޮމްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލާފައި އޭރިޔާ ތެރެއަށް ވަދެ އެ ޓީމުގެ ގޯލްކީޕަރު ބޯޒް މައިހިލްއަށް ކުޑަވެސް ފުރުސަތެއް ނުދީ އެވެ. އަދި ލިވަޕޫލްގެ ދެވަނަ ލަނޑެ އޭގެ ފަސް މިނިޓުފަހުން ސުއަރޭޒް ކާމިޔާބުކުރީ އެޓީމުގެ އެލީ ސިސޯކޯ ވެސްޓް ބްރޮމްގެ އޭރިޔާތެރެއަށް ނަގައިދިން ހުރަހެއް ވަރަށް ރީތިކޮށް ބޮލުންޖަހައި ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ލިވަޕޫލްގެ ތިންވަނަ ލަނޑު އަދި ސުއަރޭޒް މެޗްގައި ހެޓްރިކް ހެދި ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 55 ވަނަ މިނިޓުގައި އެޓިމަށް ލިބުނު ހިލޭ ޖެހުމެއް ޓީމުގެ ކެޕްޓަން ސްޓީވަން ޖެރާޑް ވެސްޓްބްރޮމްގެ ޕެނަލްޓީ އޭރިޔާތެރެއަށް ހުރަސް ކޮށްލުމުން ބޮލުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ޕްރިމިއާ ލީގުގައި ސުއަރޭޒް ހެދި ހަތަރު ވަނަ ހެޓްރިކް އެވެ.
ރޭގެ މެޗުގައި ލިވަޕޫލްގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 77 ވަނަ މިނިޓުގައި ޑެނިއެލް ސްޓްރިޖެ އެވެ. އަދި މެޗުގައި ވެސްޓް ބްރޮމް ކާމިޔާބުކުރި ހަމަ އެކަނި ލަނޑު އެޓިމަށް ލިބުނު ޕެނަލްޓީއަކުން 66 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ޖޭމްސް މޮރިސަން އެވެ.
މި މެޗުގެ ނަތީޖާއާ އެކު ލިވަޕޫލްވަނީ ތާވަލްގެ ކުރީގައި 22 ޕޮއިންޓާއެކު އޮތް އާސެނަލްއާ ދެ ޕޮއިންޓަށް ތަފާތު ކުޑަކޮށް ތާވަލުގެ ދެވަނައަށް ޖެހިލާފަ އެވެ.
ރޭގެ މެޗުގައި ސުއަރޭޒްގެ ފަރާތުން އާދަޔާ ޚިލާފް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ވެސްޓް ބްރޮމްގެ ކޯޗު ސްޓީވް ކްލާކް ބުނީ، އެއީ އުނދަގޫ މެޗެއް ކަމަށާއި އަދި ލިވަޕޫލްގެ ކުރިއަށް ކުޅެންތިބި ހުނަރުވެރި ދެ ކުޅުންތެރިން ވަނީ އޭނާގެ ޓީމުގެ ޑިފެންސް ލައިނަށް ވަރަށް ބޮޑަށް ނުރަށްކާ ކޮށްފައި ކަމަށެވެ.