ރައީސުލްޖުމްހޫރީއްޔާއަކު އިންތިހާބު ކުރަން ޖެހޭ ތާރީހަށް ރައީސުލްޖުމްހޫރީއްޔާއަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސާ ވެރިކަން ހަވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ ހުށައަޅާފައިވާ މައްސަލާގައި ނަގާ ވޯޓުގައި ޕީޕީއެމް އާއި އެމްޑީއޭ އިން ބައިވެރިނުވާން ނިންމައިފި އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު "ސަން" އަށް ވިދާޅުވީ ނޮވެމްބަރު މަހުގެ 11ގެ ނިޔަލަށް ރައީސް އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ކަންކުރާނެ ގޮތް ސުޕުރީމް ކޯޓުގެ ހުކުމްގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ޝާހިދާ ވެރިކަން ހަވާލުކުރަން އެމްޑީޕީ އިން ހުށައަޅާފައިވާ ހުށައެޅުމުގެ ވޯޓުގައި ޕީޕީއެމް އާއި އެމްޑީއޭގެ އިތުރުން ޖުމްހޫރީ ޕާޓީ އިން ބައިވެރިނުވާން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"އެއީ ގާނޫނު އަސާސީ އާއ ކަނޑައެޅިގެން ހިލާފްކަމަކަށް ވާތީ ޕީޕީއެމްއާއި ޖުމްހޫރީ ޕާޓި އާއި އެމްޑީއޭއާއި އަދި އަޅުގަނޑުމެންނާއި ގުޅިގެން މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން މިއަދުވެ ވޯޓުގައި ބައިވެރިއެއްނުވަން،" އަބުދުއްރަހީމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިލްހާމް އަހުމަދަށް ގުޅުމުން ފޯނަށް ޖަވާބުނުދެއްވާތީ އެ ޕާޓީގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބޭއްވުމަށް ހަމަޖެއްސެވީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ފޮނުއްވި ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ކަންކަމާ ގުޅިގެނެވެ. އެއީ އަންނަ ނޮވެމްބަރު 11 އަށް ރިޔާސީ ދައުރު ހަމަވާތީ، އެ ތާރީހާ ހަމަޔަށްދާ އިރު، އިންތިހާބު ކުރާ ރައީސަކު ނެތުމުގެ ފުރުސަތު އޮތުމުން ގާނޫނީ މައްސަލަތަކެއް ދިމާވެދާ ނެތީ ރައީސް ހުށަހަޅުއްވާފައިވާ މައްސަލަ އެވެ.

އެމައްސަލާގައި ވޯޓް ނެގުމަށް ހަމަޖެހިފައި ވަނީ މިއަދު 1:30 ގަ އެވެ.