އެމެރިކާ ނެޝަނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ)ގެ ކުރީގެ ވެރިޔާ ޓްރެއިނެއްގެ ތެރޭގައި ދިން "އޮފް ދަ ރެކޯޑް" އިންޓަވިއުއެއް، އެހެން ޕަސިންޖަރަކު ވަގުތުން ޓުވީޓްކޮށްފި އެވެ.

ބީބީސީ އިން ބުނީ އެންއެސްއޭގެ ކުރީގެ ވެރިޔާ ޖެނެރަލް މައިކަލް ހޭޑެން ޓެރެއިނެއްގެ ތެރޭގައި ފޯނުން ދިން "އޮފް ދަ ރެކޯޑް" (ޝާއިއުނުކުރުމަށް އެދި ދޭ މައުލޫމާތު، ނުވަތަ ނަން ނުޖަހާ ޝާއިއުކުރުމަށް އެދި ދޭ މައުލޫމާތު) އިންޓަވިއުއެއް އަޑު އިވުނީ ޓްރެއިނުން ދަތުރުކުރަމުން ދިޔަ ސިޔާސީ އެކްޓިވިސްޓެއް ކަމަށްވާ ޓޮމް މެޓްޒީއަ ށެވެ.

އިންޓަވިއު އަޑު އެހި، ޓޮމް މެޓްޒީ ބުނީ ބައި ގަޑި އިރެއްހާ އިރު މަޑުކުރުމަށް ފަހު ނިންމީ އިންޓަވިއުގައި ދެއްކެވި ވާހަކަތައް ޓުވީޓްކުރުމަށް ކަމަށެވެ. މެޓްޒީ ކުރި ޓުވީޓްތައް އެމެރިކާގެ މީޑިއާތަކުން ފަހުން ދެއްކުމުން، މިޓުވީޓްތައް ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ވަނީ އެނބުރިފަ އެވެ.

"އޮފް ދަ ރެކޯޑް" އިންޓަވިއުގައި ޖެނެރަލް ހޭޑެން ދެއްކެވި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ ބުލެކްބެރީ ފޯނެއްގެ ވާހަކަ އާއި އެމެރިކާ އިން ބޭރުގެ ގައުމުތަކުގައި ޖާސޫސުކުރާ ކުރުން ދިފާއުކުރުމަށް މަސައްކަތްކޮށް ދެއްކެވި ވާހަކަތަ ކެވެ.

މިއިންޓަވިއު ދިނުމަށް ފަހު، މައުލޫމާތުތައް ޝާއިއުކުރާ އިރު، "ސަރުކާރުގެ ކުރީގެ އިސްވެރިއެއް" ކަމަށް ބުނެ ޝާއިއުކުރުމަށް ޖެނެރަލް ހޭޑެން އެދިލައްވާ ކަމަށް މެޓްޒީ ޓުވީޓްކުރެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ އެމެރިކާގެ ވޮޝިންޓަނުން ނިއު ޔޯކަށް ދަތުރުކުރި ޓްރެއިނެއްގަ އެވެ.

މިމައްސަލާގައި ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ޖެނެރަލް ހޭޑެން ވިދާޅުވީ ސިއްރު އެއްވެސް މައުލޫމާތު މީޑިއާއާ ހިއްސާކޮށްފައި ނުވާނެ ކަމަށާއި އޮބާމާގެ ސަރުކާރަށް ފާޑުކިޔާފައި ވެސް ނުވާނެ ކަމަށެވެ.