މިހާރު ކުރިއަށްދާ ޕަވާ ހޯސް ގައުމީ ވޮލީބޯލް ލީގު 2013 ގެ ފުރަތަމަ ބުރުގައި ޑީއެސްސީ ކުޅުނު ފަހު މެޗުގައި ރޭ ކްލަބު ޕީކޭ އަތުން ބަލިވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓްގައި ރޭ ކުޅެވުނު މެޗްގައި ދެޓީމްގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ސީދާ ތިން ސެޓުން މި މެޗް ކާމިޔާބުކޮށްފައިވަނީ ކްލަބު ޕީކޭ އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކުލަބް ޕީކޭގެ އިސްމާއިލް ސާޖިދު އެވެ.

ރޭގެ މެޗުގެ ސެޓްތައް ކުލަބް ޕީކޭއިން ކާމިޔާބު ކޮށްފައިވާ ގޮތައް ބަލާއިރު، މެޗުގެ ފުރަތަމަ ސެޓް ޕީކޭއިން ކާމިޔާބު ކުރީ 25-23 އިންނެވެ. ދެ ވަނަ ސެޓް ޕީކޭއިން ކާމިޔާބު ކުރީ 25- 21 އިންނެވެ. އަދި ތިން ވަނަ ސެޓް ޕީކޭއިން ކާމިޔާބު ކުރީ 25-17 އިންނެވެ.

ރޭގެ މެޗަށް ފަހު މިމުބާރާތުގެ ދެ ވަނަ ބުރަށް ދަތުރު ކުރި އެންމެ ގަދަ ހަތަރު ޓީމް ވަނީ ކަށަވަރު ވެފަ އެވެ. އެގޮތުން އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރު ކަށަވަރު ކުރީ 12 ޕޮއިންޓާއެކު ކުލަބް ޕީކޭ އެވެ. ދެ ވަނަ މަގާމް ހޯދީ އަށް ޕޮއިންޓު ލިބުނު ޕޮލިސް ކުލަބެވެ. ތިން ވަނަ މަގާމް ހޯދީ ފަސް ޕޮއިންޓު ލިބުނު ސިފައިންގެ ކުލަބެވެ. އަދި ހަތަރު ވަނަ މަގާމް ހޯދީ ހަތަރު ޕޮއިންޓު ހޯދި ޔޫތް ސްޕޯޓްސް ކުލަބެވެ.

ދެވަނަ ބުރު ކުޅޭނެ ތާރީހެއް އަދި ވޮލީ އެސޯސިއޭޝަނުން ހާމަކޮށްފައި ނުވާއިރު ފުރަތަމަ ބުރާއި ޚިލާފަށް ދެވަނަ ބުރުގައި ވާދަކުރާ ޓީމްތަކުގައި ބިދޭސީ ކުޅުންތެރިން ވާދަކުރުމުގެ ފުރުޞަތު ލިބޭނެ އެވެ.