27 Oct 2013, 11:42
ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ރާއްޖޭގައި "ބަޣާވާތް ކުރީ"އިސްލާމީ ޝަރީއަތަށް ގޮން ޖެއްސެވުމުން ކަމަށް އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީން ބުނެފި އެވެ.
ޔޫރަޕިއަން ޕާލަމެންޓްގައ އިނގިރޭސިވިލާތުގެ ލަންޑަން ތަމްސީލު ކުރައްވާ އަދި ކޮންޒަވޭޓިވް ޕާޓީގެ ފޮރިން އެފެއާޒް ސްޕޯކްސް ޕާސަން ޗާލްސް ޓޮނޮކް މިހެން ވިދާޅުވީ އީޔޫ ޕާލަމެންޓްގައި ބުދަ ދުވަހު ވާހަކަ ދައްކަވަމުންނެވެ.
ޓޮނޮކް ވިދާޅުވެފައި ވަނީ ރާއްޖޭގައި ކުރީ ބަޣާވާތެއް ކަމަށާއި އޭގެ ފަހުން މިވީ 18 މަސް ދުވަހު ރާއްޖޭގެ ކަންތައްތައް ބަލަމުން ދިޔައީ ކަންބޮޑުވުމާ އެކުގައި ކަމަށެވެ.
".. ޝަރީއާ ލޯ (އިސްލާމީ ޝަރީއަތް) އަށް ގޮންޖައްސަވަން ކެރިވަޑައިގެންނެވި، އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ކާމިޔާބު ބަޣާވާތަކުން ވައްޓާލައި އޭނާއާ ދެކޮޅަށް ކުރަމުން އަންނަ ސިޔާސީ ކެމްޕޭނާ އެކު، ރާއްޖޭގެ ހާލަތު ގޯސްވަމުންދާ ދިއުމަށް، ފާއިތުވި 18 މަސް ދުވަހު ވެސް އަޅުގަނޑުމެން ބަލަމުން ދިޔައީ ކަންބޮޑުވުމާ ހިތާމައާ އެކު،" ރާއްޖެއާ ބެހޭ ގޮތުން މިމަހުގެ 23 ވަނަ ދުވަހު އީޔޫ ޕާލަމެންޓްގައި ކުރި ބަހުސްގައި ޓޮނޮކް ވިދާޅުވެފައިވެ އެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ ރާއްޖޭގެ ރައްޔިތުންނަށް މިހާރަށް ވުރެ ރަނގަޅު ގޮތްތަކެއް ހޯދައިދޭން ޖެހޭ ކަމަށެވެ. އަދި ގައުމުގެ މުސްތަގުބަލު ކަނޑައެޅުމުގެ ފުރުސަތު ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނަށް ވަފާތެރިވާ "މަދު މީސްކޮޅަކަށް" އަދި އިސްލާމިސްޓް ޕާޓީތަކަށް ދީގެން ނުވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ޗާލްސް ޓޮނޮކް ނިސްބަތްވެވަޑައިގަންނަވާ ކޮންޒަވޭޓިވް ޕާޓީއަކީ އިނގިރޭސިވިލާތުގައި މިހާރު ވެރިކަން ކުރާ ޕާޓީއެވެ. އެޕާޓީއަކީ ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ އުފެދުނީއްސުރެ ގާތް ގުޅުމެއް އޮންނަ ޕާޓީއެކެވެ.