އިމަޖެންސީ ހާލަތުގައި ގުޅާ ނަންބަރު 999 އަކަށް ގުޅާފައި މައުލޫމާތު ދޭން އުޅުނު މީހަކަށް ޖަވާބު ދިނުމުގައި އެވަގުތު އޮޕަރޭޓަރަކަށް ހުރި އަންހެން މީހަކު "ހެމުންހެމުން" ފޯނަށް ޖަވާބު ދިނުމުން އެއީ ވަރަށް "އަންޕްރޮފެޝަނަލް"ކޮށް އޭނާ ކުރިކަމެއް ކަމަށްބުނެ ވަޒީފާ އިން ވަކިކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ އެސިކްސް ޕޮލިސް ހެޑްކުއާޓާޒްގެ އިމަޖެންސީ ނަންބަރު 999 އަކަށް ގުޅާފައި ފިރިހެނަކު ވަރަށް ބޮޑަށް ހާސްވެ ހުރެ އޭނާގެ އާއިލާ މީހަކު ރާބޮއިގެން މަސްތުވެ ހުރި ހާލުގައި ކާރު ދުއްވަނިކޮށް ހިނގި އެކްސިޑެންޓަކާ ގުޅޭ ގޮތުން މައުލޫމާތު ދޭން އުޅުނުއިރު އޭނާ ވާހަކަ ދެއްކި ގޮތުން އެވަގުތު ކޯލްތަކަށް ޖަވާބުދިނުމަށް ހަވާލުވެ ހުރި ސޫ ހީނޭގާތަށް ހިނިއަންނަގޮތްވީ ކަމަށްވެ އެވެ.

"އެމީހާ ހާސްވެފައި ހުރިވަރުން އަހަރެން ބެލީ އޭނާގެ ހާސްކަން ފިލުވައިލުމަށް ޓަކައި ތަންކޮޅެއް ގާތްގޮތަކަށް މުއާމަލާތުކުރަން. އެއީ އެމީހާ އަށް މައުލޫމާތު ދިނުމުގައާއި އަދި އަހަންނަށް އެ މައުލޫމާތު ނެގުމަށް ފަސޭހައަކަށް،" 999ގެ ކޯލް ހޭންޑްލާގެ ވަޒީފާގައި ފަސް އަހަރު ހޭދަކޮށްފައިވާ ހީނޭ ބުންޏެވެ.

އެހެން ނަމަވެސް ފުލުހުންގެ އިދާރާ އިން ބުނެފައި ވަނީ، ހީނޭ މުއާމަލާތުކޮށްފައި ވަނީ، އެފަދަ ހާލަތެއްގައި އަމަލުކުރަން ޖެހޭ ގޮތަށް ވުރެ "އަންޕްރޮފެޝަނަލް"ކޮށް ކަމަށާއި އޭގެ އަދަބެއްގެ ގޮތުން އޭނާ ވަޒީފާ އިން ވަކިކުރީ ކަމަށެވެ.

ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުން އެ ނޫހަށް ލިބިފައިވާ ފޯން ކޯލްގެ ރެކޯޑިންގައި، ފޯން ކުރިމީހާ ވަރަށް އުނދަގުލުން ކާރެއްގެ ރަޖިސްޓްރީ ނަންބަރު ގައި އިން "އީ" އަކުރު ކިޔަން މަސައްކަތް ކުރެއެވެ. އެވަގުތު އެމީހާ "އީ އެޑްވަޑްގައި އޮންނަ" ބުނުމުން ހީނީ އެމީހާއަށް އެއީ "އެކޯ" ހޭ ބުނުމުން އެމީހާ "އަހަންނަށް ތިއެއް ޔަގީނެއް ނުވޭ" މިހެން ބުނެ ހޭންފަށަ އެވެ. އަދި އެއާ އެކު ހީނީވެސް އެ ހުނުމުގައި ބައިވެރިވެ އެވެ.

އެސިކްސް ޕޮލިސް ސްޓޭޝަނުން ބުނެފައި ވަނީ، ހީނީ އަމަލު ކޮށްފައި ވަނީ އެފަދަ ހާލަތުގައި ކަން ކުރަން ޖެހޭ ފަދަ ޒިންމާދާރުކޮށް ނޫން ކަމަށާއި އަދި އެފަދަ ހާލަތެއް ނަގަން ޖެހޭހާ ސީރިއަސްކޮށް ހީނީއަށް އެ ހާލަތު ވަޒަން ކުރެވިފައި ނުވާ ކަމަށެވެ. އަދި އެފަދަ ކަންތައްތަކުގެ ސަބަބުން މަގުމަތީގައި ހިނގާ އެކްސިޑެންތް ތައް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ނުކުރެވޭނޭ ކަމަށް ވެސް، ވަޒީފާއިން ވަކިކުރިކަން އަންގައި ހީނީއަށް ދީފައިވާ ސިޓީގައި ލިޔެފަވާ ކަމަށް ބީބީސީގައި ބުނެފައިވެ އެވެ.

ހީނީ މިހާރު ތައްޔާރުވަމުންދަނީ އެމައްސަލަ އެޕީލްކުރުމަށެވެ. އަދި އޭނާ ބުނީ، ފޯން ކުރިމީހާ ވާހަކަ ދެއްކި ގޮތުން އެހާލަތު އޭނާ އަށް ސިފަ ކުރެވުނީ އެއީ ފޯން ކުރި މީހާ އޭނާގެ އާއިލާ މީހަކާ ބެހޭ މައުލޫމާތު ދޭން އުޅެފައި އެހާލަތުގައި އޭނާގެ އާއިލާ މީހާ ކުށްވެރިވެދާނޭކަން އިހްސާސް ކުރެވުމުން އޮޅުވާލާފައި އެހެން ކާރެއްގެ ނަންބަރު ކިޔަން އުޅެނީ ކަމަށް ބަލައި "ޝައްކު ކުރެވޭ ހާލަތުގައި އަމަލު ކުރަންޖެހޭ" ގޮތަށް ކަމަށެވެ.