ޖަރުމަނުވިލާތުގެ ޗާންސެލަރުގެ މަގާމާ ހަވާލުވުމުގެ ކުރިން 2002 ވަނަ އަހަރުން ފެށިގެން އެމެރިކާ އިން އެންގެލޭ މާކެލްގެ ފޯނު ޓެޕްކޮށް، ޖާސޫސުކުރަމުން ގޮސްފައިވާ ކަމަށް ޖަރުމަނުގެ "ޑާ ސްޕީގެލް" މެގަޒިނުން ބުނެފި އެވެ.

ޑާ ސްޕީގެލް މެގަޒިނުން ބުނީ 2002 ވަނަ އަހަރުގެ އެމެރިކާގެ ޖާސޫސީ ލިސްޓެއްގައި މާކެލްގެ ނަމްބަރާއި ނަން ހިމެނިފައިވާ ކަމަށާއި އެލިޔެކިޔުންތައް އެމެގަޒިނަށް ލިބިފައިވާ ކަމަށެވެ. ދެ ހާސް ތޭރައިގެ ޖާސޫސީ މިލިސްޓުގައި ވެސް މާކެލްގެ ނަން ހިމެނޭ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑާ ސްޕީގެލްއިން ބުނީ އެމެގެޒިނަށް ލިބިފައިވާ ލިޔެކިޔުންތަކުން ޖާސޫސުކޮށްފައި ވަނީ ކިހިނެއް ކަން ޔަގީން ނުވާ ކަމަށެވެ. މިގޮތުން ފޯނު އަޑު އެހުން ނޫނީ މާކެލްގެ ފޯންބުކުގައި ހުރި ނަމްބަރުތައް ހޯދުމަށް އެމެރިކާ އިން ޖާސޫސީ ހަރަކާތްތަކެއް ހިންގާފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ލިޔެކިޔުންތަކުން އެނގޭ ކަމަށް ޑާ ސްޕީގެލްއިން ބުނެ އެވެ.

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ) އިން ޔޫރަޕްގެ ގައުމުތަކުގެ ސަރުކާރުގެ އިސްވެރިންގެ މޯބައިލްތައް ޓެޕްކޮށްގެން ޖާސޫސުކުރަމުންދާކަން ފަޅާ އަރާފައި ވަނީ އެ ގައުމުގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީއައިއޭ)ގެ އެނަލިސްޓް އެޑްވާޑް ސްނޯޑެން ލީކުކޮށްލާފައިވާ ލިޔެކިޔުންތަކާ ގުޅިގެން ނެވެ.

މިލިޔެކިޔުންތައް ދައްކާ ގޮތުން އެމެރިކާ އިން ވަނީ ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުގެ އެންމެ އިސްވެރިންގެ ފޯނުތައް އަޑުއަހާ ޖާސޫސުކޮށް ހަދާފަ އެވެ.

މިކަމާ ގުޅިގެން އެމެރިކާ އާއި ޔޫރަޕާ ދެމެދު އޮތް ގުޅުންތައް ހީނަރުވެގެން ގޮސްފައިވާ އިރު، ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުން ބުނެފައި ވަނީ އެމެރިކާ އިން މިއަހަރު ނިމުމުގެ ކުރިން ޖާސޫސު ނުކުރާނެ ކަމުގެ އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭނެ ކަމަށެވެ.