ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

އަލީ އާޒިމް ހައްޔަރުކޮށްފައި ވަނީ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ގޮސްފައިނުވާތީ އޭނާގެ ގޮނޑި ގެއްލިއްޖެކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް އިއްޔެ ބާއްވަން އުޅުނު މަޖިލީހުގެ ޖަލްސާއާ ދިމާކޮށް މަޖިލީހުގެ އިދާރާތެރެއަށް ވަދެވަޑައިގަތުމުންނެވެ.

އަލީ އާޒިމް ހައްޔަރު ކުރުމަށް ފަހު އެމްއެންޑީއެފުން ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ފުލުހުން ބުނީ އާޒިމްގެ މައްޗަށް ކުރާ ތުހުމަތަކީ ރައްޔިތުންގެ މަޖިލީހުގެ ގޯތިތެރެއަށް ވަދެ ސިފައިންނަށް ހަމަލާދީ ސިފައިންގެ އަމުރަށް ނުކިޔަމަންތެރިވެ ގަދަކަމުން މަޖިލީސް ތެރެއަށް ވަންނަން އުޅުނުކަމުގެ ތުހުމަތު ކަމަށެވެ.