27 Oct 2013, 10:51
ސްޕެއިން ލީގުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް މިސީޒަންގައި ބައްދަލު ކުރި ފުރަތަމަ މެޗު، 2-1 އިން ރެއާލްގެ މައްޗަށް ބާސާއިން ކުރި ހޯދައިފި އެވެ.
ބާސާގެ ދަނޑުގައި ދެ ޓީމު ކުޅުނު ފޯރިގަދަ މެޗުގައި ކާލޯ އެންޗެލޮޓީގެ ޓީމުގެ ފުރަތަމަ އެގާރައިން 85 މިލިއަން ޕައުންޑުގެ ވޭލްސް ފޯވަޑް ގެރެތު ބޭލްއަށް ފުރުސަތު ދިންއިރު އޭނާއާ އެކުގައި ރެއާލްގެ ކުރިއަށް ކުޅެން އެރީ، ކްރިސްޓިއާނޯ ރޮނާލްޑޯއާއި، އެންޖެލް ޑިމާރިއާ އެވެ. ޖެރާޑޯ މާޓީނޯގެ ޓީމުގައި އެޓޭކިންގައި ސެސް ފަބްރިގާސް އާއެކު ބްރެޒިލް ތަރި ނޭމާއާއި އާޖެންޓީނާގެ ސްޕަސްޓާ ލިއޮނެލް މެސީ އެރުވި އެވެ.
http://www.sun.mv/albums/l_20862.jpg
ނޭވާ ހިފަހައްޓާލަން ޖެހޭފަދަ ހިނދުކޮޅުތަކެއް ދިޔަ ފޯރިގަދަ މެޗުގައި ބާސައަށް ކުރި ހޯދައިދިނީ މެޗުގެ 19 ވަނަ މިނިޓުގައި އަންދްރޭ އިނިއެސްތާ ތަނަވަސްކޮށްދިން ފުރުސަތަކުން ނޭމާ އެވެ. އަދި ރޭގެ މެޗުގައި ބާސާ ޖެހި ދެވަނަ ލަނޑު މެޗުގެ 78 ވަނަ މިނިޓުގައި ނޭމާ ތަނަވަސް ކޮށްދިން ފުރުސަތަކުން އެޓީމަށް ކާމިޔާބުކޮށްދިނީ، ފަބްރިގާސްގެ ބަދަލުގައި70 ވަނަ މިނިޓުގައި ކުޅެން ނުކުތް އެލެކްޒިސް ސަންޗޭޒް އެވެ.
http://www.sun.mv/albums/l_20863.jpg
ރޭގެ މެޗު ފެށުނީއްސުރެން ވެސް ބާސާގެ ކުޅުން ރަނގަޅުކަން ފާހަގަ ކުރެވުނެވެ. ރެއާލްއަށް މެޗުގައި ކާމިޔާބު ކުރެވުނު ހަމަ އެކަނި ލަނޑު ފަހު ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ޑިމާރިއާގެ ބަދަލުގައި 76 ވަނަ މިނިޓުގައި ކުޅެން އެރި ޖެސޭ ރޮޑްރިގޭޒް އެވެ.
ރޭގެ މެޗުގެ ނަތީޖާއާ އެކު ބާސާ ވަނީ ލީގު ތާވަލުގައި އެޓީމުގެ ލީޑު ހަތަރު ޕޮއިންޓަށް ފުޅާކޮށް އަދި ރެއާލްއާ ދެމެދުގައިވާ ތަފާތު ހަ ޕޮއިންޓަށް ފުޅާކޮށްފަ އެވެ.
ލީގުގެ އެއްވަނައިގައި 28 ޕޮއިންޓާއެކު ބާސާއޮތްއިރު ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ، 24 ޕޮއިންޓެވެ. އަދި ރެއާލް ތިންވަނައިގައި އޮތީ 22 ޕޮއިންޓާ އެކު އެވެ.
ސްޕެނިޝް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ސެލްޓާ ވީގޯ އަތުން މަލާގާ ވަނީ 5-0 އިން ބަލިވެފަ އެވެ. އަދި އެލްޗޭ އަތުން ގްރަނޭޑާ 1-0 އިން މޮޅުވިއިރު އެސްޕަންޔޯލްއާއި ލެވެންޓޭ ބައްދަލު ކުރި މެޗު 3-0 އިން ކާމިޔާބުކުރީ ލެވެންޓޭ އެވެ. ރާޔޯ ވަޔެކާނޯއަތުން ރެއާލް ވަލަޑޮލިޑް މޮޅުވީ 3-0 އިންނެވެ.