ތިލަފުށިން ގޭސް ބަރުކުރަން ދިޔަ ދޯންޏެއްގައި ރޯވެ ހަތަރު މީހަކު ފިހިއްޖެ އެވެ.

އެމްއެންޑީއެފުން ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:00ގައި ހިނގި އެ ހާދިސާގައި ފިހިފައި ވަނީ ދެ ދިވެއްސަކާއި ބަންގުލަދޭޝް ދެމީހުން ކަމަށެވެ. އެ ހަތަރު މީހުންގެ ތެރެއިން އުމުރުން 38 އަހަރުގެ ދިވެހި މީހާގެ ހަށިގަނޑުން 55 އާއި 60 ޕަސެންޓާ ދެމެދު ފިހިފައިވާ އިރު، 48 އަހަރުގެ ދިވެހި މީހާގެ ހަށިގަނޑުން 25 ޕަސެންޓް ފިހިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ފިހުނު ބިދޭސީ ދެމީހުންގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި އަނެއް މީހާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

"ފުނަމާ" ކިޔާ ލ. އަތޮޅު ގަމުގެ އެ ދޯންޏަކީ މާލެ ދަތުރުކުރާ ދޯންޏެއް ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ މާލޭން މުދާ ބަރުކޮށްގެން ތިލަފުށްޓަށް ގޭސް ބަރުކުރަން ދަނިކޮށް ކަމަށެވެ. އަދި ފުރަތަމަ އަލިފާން ރޯވެފައި ވަނީ އެބޯޓުގެ އިންޖީނުގޭގައި ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.

އެމްއެންޑީއެފާއު ފުލުހުންނާއި ތިލަފުށީގައި މަސައްކަތްކުރާ މީހުން ގުޅިގެން ކުރި މަސައްކަތުން ބޯޓުގައި ރޯވި އަލިފާންގަނޑު ނިވާލި އިރު، ބޯޓުވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވެފައި ކަމަށް މައުލޫމާތު ލިބެ އެވެ.