ރައީސުލްޖުމްހޫރީއްޔާއަކު އިންތިހާބު ކުރަން ޖެހޭ ތާރީހަށް ރައީސުލްޖުމްހޫރީއްޔާއަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ގާނޫނު އަސާސީ އިސްލާޙުނުކޮށް ނޮވެންބަރު 11 ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ނުވަތަ މަޖިލީހަގެ މެންބަރަކަށް ވެރިކަމުގެ ބާރުތައް ހަވާލު ނުކުރެވޭނެ ކަމަށް ކުޅުއްދުއްފުށީ ދެކެނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގެ ރޫހަށް ބަލާ އިރު ނޮވެންބަރު 11 އަށް ރައީސް އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ގާނޫނު އަސާސީ އަށް ބަދަލު ނުގެނެސް މަޖިލީހުން ފާސްކުރާ ގާނޫނަކުން ނުވަތަ ގަރާރަކުން ވެސް މަޖިލީހުގެ ރައީސް އަށް ނުވަތަ މަޖިލީހުގެ މެންބަރަކަށް ވެރިކަމުގެ ބާރުތައް ހަވާލު ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ގާނޫނު އަސަސީ އަށް އިސްލާހު ނުގެނެސް މަޖިލީހުގެ ރައީސް އަށް ނުވަތަ މަޖިލީހުގެ މެންބަރަކަށް ވެރިކަމުގެ ބާރުތަކެއް ހަވާލެއް ނުކުރެވޭނެ. އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅެނީ ރިޔާސީ ދައުރު ނިމޭ ހިސާބާއި ދައުރު ފެށޭ ހިސާބާ ދެމެދު ޖެހެން އުޅޭ މައްސަލަ. ރައީސް އަކު އިންތިހާބު ކުރަން ޖެހޭ ތާރީހަށް ރައީސް އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ދެން ކަން ކުރާނެ ގޮތެއް އަޅުގަނޑުމެން ހޯދަން މިއުޅެނީ. އެހެން ވީމާ ގާނޫނު އަސާސީ އިސްލާހުނުކޮށް މަޖިލީހުން ފާސް ކުރާ ގާނޫނުނަކުން ނުވަތަ ގަރާރަކުން މިކަން ކުރެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ރާއްޖެ އަށް ދިމާވެފައިވާ ހާލަތަކީ މީގެ ކުރިން ދުނިޔޭގެ ބައެއް އެހެން ގައުމުތަކަށް ވެސް ދިމާވެފައިވާ ހާލަތެއް ކަމަށެވެ. އެގޮތުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ ހަދާފައި ވަނީ އެމެރިކާގެ ގާނޫނު އަސާސީ އަސްލަކަށް ބަލައިގެން ކަމަށެވެ. އަދި މިހާރު ރާއްޖެ އަށް ދިމާވެފައި މިވާ ހާލަތު މީގެ ޒަމާންތަކެއް ކުރިން އެމެރިކާ އަށް ދިމާވި ކަމަށައި އެ މީހުން ވެސް މައްސަލަ ހައްލު ކުރީ ގާނޫނު އަސާސީ އަށް އިސްލާޙް ގެނެސްގެން ކަމަށެވެ.

ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގެ ރޫހަށް ބަލާއިރު މިހާރު ރާއްޖެ އަށް ދިމާވެފައިވާ މައްސަލައިގެ ހައްލު ހޯދުން އެންމެ އެކަށީގެންވާ ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ގާނޫނު އަސާސީ ބުނާ ގޮތުން ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބިއިން ކަމަށް ވާތީ ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ ހުރިހާ މެންބަރުން އެއްބަސް ކިޔައިގެން ގާނޫނު އަސާސީ އަށް އިސްލާހު ގެނައުން ނޫން ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީ އަށް އިސްލާހު ނުގެނެސް މަޖިލީހުގެ ރައީސް އަށް ނުވަތަ މަޖިލީހުގެ މެންބަރަކަށް ވެރިކަމުގެ ބާރުތައް ދިނުމަށް ފާސްކޮށްފި ނަމަ ނުވަތަ ނިންމުމެއް ނިންމައިފި ނަމަ އެ ނިންމުމެއް ސުޕްރީމް ކޯޓުން ބާތިލު ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެން ކަމުން މިއަދު ދިމާވެފައިވާ މައްސަލަ ހައްލު ކުރަން ޖެހޭނީ ރައްޔިތުންގެ ތެރެއިން ކަމަށާއި އެކަމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ބޮޑު ތިން ޕާޓީ އެއްބަސްވެގެން ގާނޫނު އަސާސީ އަށް އިސްލާގް ގެނަން ނަޝީދު ވިދާޅުވި އެވެ.

"ދައުރު ހަމަވުމަށް ފަހު ރައީސަށް ވެރިކަމުގައި ހުރެވޭނީ ރައްޔިތުންގެ ބައިވެރިވުން އޮންނަ ހައްލެއް ހޯދައިގެން. 14 މާޗް 2011ގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮންނާނެ ސުޕްރީމް ކޯޓުގެ ރޫލިންއަކާ ހިލާފަށް ގާނޫނެއް ވެސް ފާސްނުކުރެވޭނެ ކަމަށް. އެހެންވުމުން އުސޫލެއް ފާސްކުރިޔަސް، ގާނޫނެއް ފާސްކުރިޔަސް އެކަން ބާތިލުވުމުގެ ފުރުސަތު އެބަ އޮތް." ނަޝީދު ވިދާޅުވި އެވެ.