27 Oct 2013, 10:16
އަބޫދަބީ (އޮކްޓޯބަރު 27): ހީނަރުވަމުންދާ މިސްރުގެ އިޤްތިސާދު ނެގެހެއްޓުމަށް ޓަކައި ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) ން މިސްރަށް ދެމުންގެންދާ މާލީ އެހީ 4.9 ބިލިޔަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އެގައުމުން ނިންމައިފި އެވެ.
ޔޫއޭއީގެ ރަސްމީ ނޫސްއެޖެންސީން ބުނީ މިކަމާ ބެހޭ އެންމެ ފަހުގެ އެއްބަސްވުމުގައި ދެގައުމުގެ މަސްއޫލުވެރިން ދުބާއިގައި އިއްޔެ ސޮއިކޮށްފައިވާ ކަމުގައެވެ. މިއެއްބަސްވުމުގެ ދަށުން ޔޫ.އޭ.އީ ގެ ސަރުކާރުން މިސްރަށް ދިނުމަށް ނިންމާފައިވާ 4.9 ބިލިޔަން އެމެރިކާ ޑޮލަރުގެ ތެރެއިން އެއްބިލިޔަން ޑޮލަރަކީ ހިލޭ އެހީކަމަށާއި މި އެއްބިލިޔަން ޑޮލަރު މިދިޔަ ޖުލައި މަހު މިސްރުގެ މަރުކަޒީ ބޭންކަށް ޖަމާކޮށްދީފައިވާނެ ކަމަށްވެސް ޔޫއޭއީގެ ރަސްމީ ނޫސްއެޖެންސީ ބުނެފައިވެ އެވެ.
ސިޔާސީ ގަޑުބަޑުތަކާއި ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން މިސްރުގެ އިޤްތިސާދު ހީނަރުވަމުންދާ އިރު މިސްރަށް މާލީގޮތުން އެހީތެރިވަމުން ދަނީ އެގައުމުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ފުރޮޅާލުމަށް ފާޅުގައި ތާއީދުކުރި ދެގައުމު ކަމަށްވާ ޔޫއޭއީ އާއި ސައޫދީ އަރަބިޔާ އެވެ. ގަލްފުގެ މުއްސަނދި ގައުމުތަކުގެ ތެރޭން ގަތަރުން އެހީދީފައި ވަނީ ޑރ. މުރުސީގެ ސަރުކާރަށެވެ. މިސްރުގެ ވަގުތީ ސަރުކާރުން ވަނީ ގަތަރުގެ މާލީ އެހީ އަށް ޝައުގުވެރިކަން ނެތްކަން ހާމަކޮށްފަ އެވެ.
ޢަސްކަރީ އިންގިލާބަށް ފަހު މިސްރުގެ ވަގުތީ ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ހަރުކަށި އަމަލުތަކުގެ ސަބަބުން ކަމަށްބުނެ އެމެރިކާ ވަނީ މިސްރަށްދޭ އަސްކަރީ އެހީގެ ތެރެއިން ބައެއް ހިފަހައްޓާނެ ކަމަށް ބުނެފަ އެވެ. ޔޫއޭއީ ން މިސްރަށް ދިނުމަށް ނިންމި 4.9 ބިލިޔަން އެމެރިކާ ޑޮލަރުގެ ތެރެއިން އެއްބިލިޔަން ހިލޭ އެހީގެ ގޮތުގައި ދީފައިވާ އިރު އަނެއް 3.9 ބިލިޔަން އެމެރިކާ ޑޮލަރުގެ ތެރެއިން އެއްބިލިޔަން ޑޮލަރު ޚާއްސަކޮށްފައިވަނީ ހަކަތައިގެ ބާވަތްތައް އަގުހެޔޮކޮށް ވިއްކުމަށް ބޭނުންވާ ސަބްސިޑީ އަށެވެ. ބާކީ 2.9 ބިލިޔަން ޚާއްސަކޮށްފައި ވަނީ ތަރައްޤީގެ ތަފާތު މަޝްރޫޢުތަކަށެވެ.
ޑރ. މުރުސީގެ ވެރިކަން ވައްޓާލުމަށް ފަހު ޔޫއޭއީ ންވަނީ މި 4.9 ބިލިޔަން ޑޮލަރުގެ އެހީގެ އިތުރުން މިސްރުގެ ވަގުތީ ސަރުކާރަށް ދެފަހަރެއްގެ މަތިން 2 ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯން އެހީއެއްވެސް ދީފަ އެވެ. މިސްރުގެ ވަގުތީ ސަރުކާރު ދެމެހެއްޓުމަށް ޓަކައި ސައޫދީ އާއި ޔޫއޭއީ ގުޅިގެން ޖުމްލަ 12 ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީ މިސްރުގެ ވަގުތީ ސަރުކާރަށް ދިނުމަށް އެދެގައުމުވަނީ ވައުދުވެފަ އެވެ.(ރޮއިޓާސް