27 Oct 2013, 10:09
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދު ޕޯޓްސް އޮތޯރިޓީ އަދި ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނާ ރޭ ބައްދަލުކުރައްވައިފި އެވެ.
ރޭ ޝީ އިމާރާތުގައި އެ ދެ މުވައްސަސާގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަމުން ޔާމީން ވިދާޅުވީ ކޮންމެ މެނޭޖްމަންޓްއެއްގެ ދަށުން އެ މުއައްސަސާތައް ހިންގި ކަމުގައި ވިޔަސް ހުރިހާ ކަމެއް ރަނގަޅަށް ނުހިނގާނެ ކަމަށާއި ހިތްހަމަނުޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. އެހެންކަމުން ޕީޕީއެމް ސަރުކާރެއްގައި ކަންކަން ނިންމާ ހިސާބުގައި މުވައްޒަފުންގެ ފަރާތުން އައްޔަން ކުރާ ބަޔަކު ބައިތިއްބަވާނެ ކަމަށެވެ.
"ކަސްޓަމްސް އާއި ޕޯޓްސްގެ މެނޭޖްމެންޓް ހިންގާ އިރު ކަންކަން ނިންމާއިރު މުވައްޒަފުންގެ ފާރާތުން އައްޔަން ކުރާ ބަޔަކު ނުވަތަ މުވައްޒަފުންގެ ފާރާތުން ބަސް ބުނާ ބަޔަކު އަޅުގަނޑުމެން ބަހައްޓަން ހަމަޖައްސާނަން،" ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމިން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ވަރަށް ގިނަ ކުންފުނިތަކުގައި އެކަންކަން ދޫކޮށްލައިފައި ވަނީ ހިޔުމަން ރިސޯސަސް ޑިޕާޓްމެންޓް އަށް ކަމަށެވެ. އެހެންނަމަވެސް މިހާރުގެ ވިސްނުމަށް ބަލަންޏާ ވަކި ޑިޕާޓްމެންޓަކަށް އެކަންކަން ނުކުރެވޭނެ ކަމަށާއި ނިންމުންތައް ނިންމާ އިރު މުވައްޒަފުންގެ ފާރާތުން ބަސް ބުނެގެން ނޫނީ މުއައްސަސާއެއް ކުރިއަށް ނުދާނެ ކަމަށެވެ.
ހަމައެއާ އެކު މިހާރު ހުރި މައްސަލަތައް ހައްލުކުރާނެ އުސޫލުތަކެއް ގާއިމް ކުރާނެ ކަމަށް ޔާމިން ވިދާޅުވި އެވެ.
އެގޮތުން ޝަކުވާ ބެލޭނެ ނިޒާންތަކެއް ގާއިމް ކުރާނެ ކަމަށާއި އާމްދަނީ އިން އެންމެ ބޮޑު ހަރަދެއް ހޭދަވާ ގެދޮރުގެ ހަރަދަށް ހައްލެއް ގެނެސްދޭނެ ކަމަށް ވިދާޅުވި އެވެ. އަދި ސިފައިންނާއި ފުލުހުންނެކޭ އެއްފަދައިން ގެދޮރުގެ ނިޒާމް ހަމަޖައްސައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެން މިހާރު ހުރި މައްސަލަތަށް ހައްލުކުރާނެ އުސޫލުތަކެއް ގާއިމް ކުރާނަން،" ޔާމިން ވިދާޅުވި އެވެ.