ވިހެއުމަށް ފަހު ހުޅުމާލޭ ގޮނޑުދޮށަށް އެއްލާލައިފައި އޮތް ތުއްތު އަންހެން ކުއްޖާ ފެނުނު ސަރަހައްދުގައި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓައިލުމަށް ގޮވާލައި ބަޔަކު އަޑު އުފުލައިފި އެވެ.


މިއަދު ހަވީރު ހުޅުމާލޭ ގޮނޑުދޮށުގައި ޝުއޫރު ފާޅުކުރީ މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ސޮސައިޓީ [އެމްސީޕީއެސް] އިންނެވެ.


ހުޅުމާލޭ ވަތަނިއްޔާ އެއްޓަނާ ދިމާލު ގޮނޑުދޮށުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި އެ ޖަމިއްޔާގެ ބައިވެރިން ގޮވާލާފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓައިލުމަށާއި އެފަދަ އަނިޔާތައް ހުއްޓުވައި ދިނުމަށެވެ. ޝުއޫރު ފާޅުކުރުމުގައި ޖަމިއްޔާގެ މެންބަރުންނާއި ފުލުހުންނާއި އާމުން ވެސް ބައިވެރިވެފައިވެ އެވެ.


ޖެންޑާ މިނިސްޓްރީގެ ނައިބު މާރިޔާ އަލީ ފައްޓަވައިދެއްވި އެއްވުމުގައި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ތަފާތު ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔަ އެވެ.


ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން އެމްސީޕީއެސް ނައިބް ރައީސް އަބްދުﷲ ހަމީދު ވިދާޅުވީ ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވަމުންދަނީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ބެހޭ ގޮތުން ހޭލުންތެރި ކުރުވިފައި ނެތުމުން ކަމަށާއި ހޭލުންތެރި ކުރެވޭނީ އެފަދަ ހަރަކާތްތަކެއް ހިންގައި އެކަންކަމާ ދެކޮޅަށް އަޑުއުފުލައިގެން ކަމަށެވެ.  


"ހުޅުމާލޭ އަތިރިމައްޗަށް އެއްލާލައިފައި އޮތް ކުއްޖާ ބޭނުންވެގެން އެތައް ބަޔަކު ޖެންޑާ މިނިސްޓްރީގައި އެދެމުން އެބަދޭ. އެކަމަކު މި ގައުމުގައި ކުޑަކުދިންނާ މެދު ހިންގާ ނޭއްގާނީ އަމަލުތައް ހުއްޓައިލުމަށް ގޮވާލައި އަޑު އުފުލާ މީހުން މަދު. ސަބަބަކީ ކުޑަކުދިންނަށް ކުރާ އަނިޔާއާމެދު ހޭލުންތެރިވެފައި ނެތުން" ހަމީދު ވިދާޅުވި އެވެ.