ވޮޝިންޓަން (އޮކްޓޯބަރ 27): އެމެރިކާގެ ޖާސޫސީ ހަރަކާތްތަކުގެ ސަބަބުން އެމެރިކާއާއި ޔޫރަޕްގެ ގުޅުންތައް ގޯސްވަމުންދާކަމަށްއެމެރިކާ އިއުތިރާފްވެއްޖެ އެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާނާ ޖީން ބަސާކީ ވިދާޅުވީ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އެޖެންސީން ދުނިޔޭގެ އެކި ކަންކޮޅުތަކުން ހިންގަމުންގެންދާ ޖާސޫސީ ހަރަކާތްތަކުގެ ތެރެއިން ސަރުކާރުތަކަށް އަމާޒުކޮށް ހިންގާ ހަރަކާތްތައް ހިފެހެއްޓުމަށް ޖަރުމަނާއި ފަރަންސޭސިވިލާތުން ހުށަހަޅާފައިވާ ހުށަހެޅުން ރައީސް ބަރަކް އޮބާމާގެ ސަރުކާރުން މިހާރު ދިރާސާކުރަމުން ގެންދާ ކަމުގަ އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އެޖެންސީން ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާކަލްގެ ފޯންކޯލްތައް ސިއްރުން އަޑުއަހައި ޖާސޫސުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލާގައި މާކަލް ވަނީ ކޯފާވެވަޑައިގެން މިއީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ވިދާޅުވެ މިކަމުގެ ނޭދެވޭ އަސަރު ދެގައުމުގެ ގުޅުންތަކަށް ކޮށްފާނެކަމުގެއިންޒާރު ދެއްވާފަ އެވެ.

އެމެރިކާ ވާނީ މާކަލްގެ ފޯންތައް ސިއްރިޔާތުގައި އަޑުއަހަމުން ނުދާކަމަށް ބުނެފަ އެވެ. މިމައްސަލަ ބަލައި ތަހްގީގް ކުރުމަށް ޓަކައި ޖަރުމަނުގެ ޖާސޫސީ އިދާރާގެ އެންމެ އިސްވެރިންގެ ވަފުދެއް އަންނަ ހަފްތާގައި އެމެރިކާ އަށް ފޮނުވުމަށް ޖަރުމަނު ސަރުކާރުން ވަނީ ނިންމާފަ އެވެ. މިވަފްދުގެ ބޭފުޅުން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އިދާރާގެ އިސްވެރިންގެ އިތުރުން ވައިޓް ހައުސްގެ މަސްއޫލުވެރިންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ޖަރުމަނާއި ފަރަންސޭސިވިލާތުން ވަނީ އެއްބަޔަކު އަނެއްބަޔަކަށް އަމާޒުކޮށްގެން ޖާސޫސުކުރުމުގެ ހަރަކާތްތައް ހުއްޓާލުމުގެ އެއްބަސްވުމެއް އެމެރިކާއާ އެކު ކުރުމަށް އެދެގައުމުން މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެފަ އެވެ. އަނެއްކޮޅުން އެއްގައުމު އަނެއް ގައުމާ ދެކޮޅަށް ޖާސޫސުކުރުން ހުއްޓުވުމަށް ގޮވާލާ ޤާރާރެއް އދ. އަށް ހުށަހެޅުމަށްޓަކައި ގުޅިގެން މަސައްކަތްކުރަމުން ގެންދާކަން ޖަރުމަނާއި ބްރެޒިލުން ވަނީ ހާމަކޮށްފަ އެވެ.(ރޮއިޓާސް)