ޕީޕީއެމްއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ގޭ ދޮށަށް އެއްވެ މުޒާހަރާ ކުރަމުންދަނިކޮށް އެތަނަށް އެމްޑީޕީގެ ސަޕޯޓަރުން ދިއުމުން އެދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުމެއް ހިނގައިފި އެވެ.

މިރޭ 9:30 އެހައިކަންހާއިރު ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ސޯސަންމަގުގައި ހުންނަ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ގެކޮޅު ކައިރިއަށް އެއްވެ ޝާހިދުގެ އިސްތިއުފާއަށް ގޮވާފަ އެވެ.

ޝާހިދު އަމަލުކުރައް ވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ގާނޫނާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް މުޒާހަރާގެ ބައިވެރީން ވަނީ ޝާހިދަށް ގޮވާލާފަ އެވެ.

ޕީޕީއެމްގެ ސަޕޯޓަރުން ޝަހިދުއާ ދެކޮޅަށް އަޑުއުފުލަމުން ދަނިނިކޮށް މިރޭ 10:00 ހާއިރު އެމްޑީޕީއަށް ސަޕޯޓްކުރާ ބަޔަކު ވަނީ އެ ސަރަހައްދަށް އެއްވެސް ޝާހިދާ އެއްކޮޅަށް އަޑުއުފުލަން ފަށާފަ އެވެ.

ޕީޕީއެމާއި އެމްޑީޕީ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ބަޔަކު މީހުން ޕީޕީއެމްގެ ޕިކަޕަށް ބިސް ޖެހުމުންނެވެ. ހަމަނުޖެހުންތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެ އެވެ.

ފުލުހުން ވަނީ އެ ދެ ޕާޓީގެ ސަޕޯޓަރުން ދެ ސަރަހައްދަކަށް ފޮނުވާލައި ޝާހިދުގެ ގެކޮޅު ކައިރިން ދުރައްޖައްސާލާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭގެ މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.