27 Oct 2013, 00:36
ފުލުސް އޮފީހަށް ހާޒިރުކުރައްވާފައި ވަނީ އެމްޑީޕީއަށް ސޮއިކުރެއްވިގޮތާ ބެހޭގޮތުން ސުވާލުކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިރޭ 8:50 އެހައިކަންހާއިރު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށްފަހު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ އޭނާ އެމްޑީޕީއަށް ސޮއިކުރައްވާފައި ވަނީ ބިރުދައްކައިގެން ކަމަށް ފުލުހުން އޭނާ އަރިހު ދެންނެވި ކަމަށެވެ. އަދި ވިދާޅުވީ ބިރުދެއްކި ކަމަށް ބުނާއިރު އެއީ ކޮންބައެއް ކަމެއް ފުލުހުން ބުނެފައިނުވާ ކަމަށެވެ.
ގާތްގަނޑަކަށް ތިންގަޑިއިރު ފުލުސް އޮފީހުގައި ހޭދަކުރެއްވުމަށް ފަހު ނޫސްވެރީންނާ ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ތަހުގީގަށް އެއްބާރުލުންދީ ފުލުހުންގެ ހުރިހާ ސުވާލުތަކަށް ޖަވާބުދެއްވި ކަމަށެވެ. ސުވާލުތަކަށް ޖަވާބުދީ ނިމުމުން އެއް ސޮފްހާގެ ބަޔާނެއްގައި އޭނާ ލައްވައި ސޮއިކުރައްވި ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އެތަކެއް ފަހަރު ޕާޓީ ބަދަލުކުރެއްވި މަޖިލީސް މެމްބަރުން އެބަތިއްބެވި ކަމަށާއި ނަމަވެސް އެއިން ބޭފުޅެއްގެ މައްސަލަ ތަހުގީގުނުކޮށް ހަމައެކަނި އޭނާގެ މައްސަލަ ތަހުގީގުކުރާތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.
މިކަމާ ބެހޭގޮތުން ފުލުހުންނާ ގުޅާލުމުން މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގުކުރަމުން އަންނަ މައްސަލައަކަށްވާތީ މައްސަލައިގެ ތަފްސީލު ދެވެންނެތްކަމަށެވެ.