26 Oct 2013, 23:57
(23 އޮކްޓޯބަރގެ އަދަދާ ގުޅޭ)
ލަޔާލް ކަންބޮޑުވެފައި އިންދާ އަޒީ އޭނާގެ ކޮނޑުގައި ހިފަހައްޓައިލި އެވެ. ލަޔާލް އެވަގުތު އުޅުނު ގޮތުން މަފާޒް ވެސް އިނީ ފާޑަކަށް ހިނި އައިއްސައެވެ. "އަޒީބެ އެދެން މިއުޅެނީ ވަރަށް ބޮޑު ކަމަކު. އެކަމަކު ކުޑަކޮށްވެސް މަޖުބޫރު ކަމެއް ނޯންނާނެ. ލަޔާލް ހިތް ރުހެންޏާ އެއްބަސްވާނީ. ދެކޮޅުހެދިއޭ ކިޔާފައި އެއްވެސް ކަމެއް ބަދަލެއްވެސް ނުވާނެ." އަޒީ ވާހަކަ ހުރިގޮތުން ލަޔާލްގެ ހިތް ހައްތަހާ ބޮޑަށް ތެޅެން ފެށިއެވެ. އޭނާގެ ދެއަތްވެސް އާދަޔާ ޚިލާފަށް ފިނިވެލައިފިއެވެ. "ލަޔާލް! އަޒީބެ ބޭނުންވަނީ ލަޔާލް އަފްލާކް އާއި ކައިވެނި ކުރަން." އަޒީގެ ޖުމްލަ ނިމުނު އިރު ލަޔާލް ފުންމައިގެން ތެދުވެ ހުރީ ކޮޅަށެވެ. ދެލޯ ބޮޑުކޮށްލުމާއެކު އަނގަމަތީގައި އަތްއަޅާލި ގޮތުން އަޖައިބެއް ފެނުނު ފަދައެވެ.
"ލަޔާލްއަށް ފަހަރެއްގައި އެނގިފައި ވެސް އޮވެދާނެ. އަފްލާކް ވަނީ ކުރިން ކައިވެންޏެއް ކޮށްފަ. އެކަމަކު އެކައިވެނި ރޫޅުނުތާ ދެއަހަރު ފާއިތުވެ ދިޔައިރު މިއަދާއި ހަމައަށްވެސް ދެވަނަ އަންހެން ކުއްޖަކަށް ރުހުމުގެ ލޮލުން ބަލައިނުލާ. އަފްލާކް އަމިއްލައަށް އެކަހަލަ ކަމަކާއި ނޫޅޭނެކަން ޤަބޫލު ކުރެވިގެން އަޒީބެ އަމިއްލައަށްވެސް ދެ ކުއްޖަކު ގެނެސް ދައްކައިފިން. ހަނދާން އެބަހުރި ދޯ ލަޔާލް މިގެއަށް އައިސްގެން އަފްލާކް ގެއަށް ނުވަދެ އުޅުނުކަން. އެއީ އޭނާގެ ކަންތައް ހުންނަ ގޮތަކީ. އެކަމަކު ފާއިތުވެ ދިޔަ ދެއަހަރު ތެރޭގައި އަފްލާކްގެ ކިބައިން ނުފެންނަ ބަދަލު ތަކެއް ލަޔާލް އައިފަހުން މިވީ މަދު ދުވަސްކޮޅުވެސް ފާހަގަ ކުރެވިއްޖެ. އަޒީބެއަށް އަފްލާކް ވަރަށް ރަނގަޅަށް އެނގޭތީ މިހެން ބުނަން އެނގުނީ ލަޔާ ތީ އަފްލާކްއަށް ޓަކައި ހަމަ ޕަރފެކްޓް މެޗް. ތިކަހަލަ އެހެން ކުއްޖަކު އޭނާގެ ހަޔާތަކަށް ނާދޭ. ވިސްނާލީމަ ލަޔާލް އަމިއްލައަށް ގަބޫލު ކުރެވޭނެ ފުރަތަމަ ދުވަހު ފެނުނު އަފްލާކްއެއް ނޫންކަން މިހާރު އެއީ." އަޒީ އިތުރަށް ދެއްކި ވާހަކަތައް މާބޮޑަށް ލަޔާލްގެ ސިކުނޑިއަށް ވަންނަ ގޮތެއް ނުވިއެވެ. އޭނާ އެހުރިގޮތަށް ހުއްޓިލައިގެން ހުރިއިރު ކަންފަތުގައި ހަރުލާފައި ވީ އަޒީ ފުރަތަމަ ބުނި ޖުމްލައެވެ. ތަކުރާރު ކޮށް އެތަކެއް ފަހަރު ރިޕީޓްވެގެން އައިސް ކަންފަތަށް އިވެމުން ދިޔައީ ހަމަ އެއް ޖުމްލަ އެކެވެ.
"ލަޔާލް! ސޭ ސަމްތިން! އެޒް ފާރ އެޒް އައެމް ކޮންސާންޑް... ޔޫ ލައިކް ހިމް. ނޫންތަ ލަޔާ؟" މަފާޒް އައިސް ކައިރިއަށް ހުއްޓިފައި ހިނިތުންވެލިއެވެ. "ނޭނގެ." ލަޔާލްއަށް ބުނެލެވުނީ އެހެންނެވެ. "ހެހެ... ނޭނގެއޭ؟ އަމިއްލަ ފީލްންސްތައް ނޭނގި ހުންނާނެތަ؟" މަފާޒް ގާތަށް ހިނިއައެވެ. "އަހަރެން މިބުނީ އަހަންނަށް ބުނާނެ އެއްޗެއް ނޭނގެއޭ. ދޭނެ ޖަވާބެއް ނޭނގެއޭ. އަފްލާކް ކަހަލަ މީހަކާއި އަހަރެން ކިހިނެތް އެކަށީގެން ވަނީ ވެސް؟" ލަޔާލްގެ ސިކުނޑި ހާސްބޮޑުވެގެން ގޮވަން ކައިރިވެއްޖެއެވެ. އޭނާއަށް ކިޔޭ ނުކިޔޭވެސް ވިސްނޭ ހެނެއް ހިއެއްނުވެއެވެ. އޭނާ އެއީ ލޯބިވާ ފަރާތް ކާމިޔާބު ވާނެ މަގު ހުޅުވިގެން ހާސްވި ފުރަތަމަ އިންސާނާ ކަންނޭނގެއެވެ. "ތީއެއްވެސް ހަމަޖެހޭ ވާހަކައެއް ނޫން. ލަޔާލް އާއި އަފްލާކް ހުރިހާ ގޮތަކުންވެސް އެކަށީގެންވޭ. ދަރިފުޅާ ބައްޕަ މިއެދެނީ އަފްލާކްއަށް ދެވަނަ ހަޔާތެއް ދޭން. ބައްޕައަށް އެގޭ އޭނާ ދުވަހަކުވެސް އަމިއްލަ ފެނިގެން އެކަން ނުކުރާނެކަން. ކިހާ ދުވަހަކު އެގޮތަށް މާޒީގެ ތެރޭގައި ދިރިއުޅޭނީ؟ ބައެއް ފަހަރު އަހަރެމެން އެންމެންވެސް ބޭނުންވޭ އެފަދަ އަނދިރި ހިސާބަކުން ނިކުންނަން އެހީގެ އަތެއް. ލަޔާލް ވެސް ގަބޫލު ކުރަމެއްނު މިކަން....." އަޒީ ދެވަނަ ފަހަރަށް ވާހަކަ ދެއްކިއިރު ހިތަށް އަސަރުކޮށްފިއެވެ. އަފްލާކް ކައިވެނި ރޫޅިގެން އައިސް އުޅުނު ގޮތް އެންމެ ރަނގަޅަށް ދެނަ ހުރީ އޭނާއެވެ. ލަޔާލްއަށް އެންމެ ފާހަގަ ކުރެވުނީ ދަރިފުޅާއޭ މުޚާތަބްކޮށްލި ތަންކޮޅެވެ.
"އަޒީބެ އެދުމަކަށް ވީތީ ތިކަން ކުރަން ވަރަށް ބޭނުން. އަޒީބެ ބުނި ކޮންމެ ކަމެއް ކޮށްދޭން ހިތުގެ އަޑިން ތައްޔާރު. އެކަމަކު އަހަރެންނަކަށް ހިއެއްނުވޭ އަފްލާކްވެސް މިކައިވެންޏާއި ރުހިފާނެ ހެނެއް.... އަޒީބެ ފުރަތަމަ އަފްލާކް އާއި ވާހަކަ ދައްކަން އަހަރެންނަށް ފެންނަނީ. ކިހިނެތް އެނގެނީ އަފްލާކް މިހާރު ހަޔާތަށް ގެންނަން އެހެން ކުއްޖަކު ހިޔާރު ނުކުރާކަމެއްވެސް. އަދި ރަނގަޅު ވަގުތު ނުޖެހޭތީ އަޒީބެއަށާއި މިފެމެލީ މީހުންނަށް ނާންގާވެސް ހުރެފާނެ." ލަޔާލް އަޒީ އަތްތިލައިގައި ދެއަތުން ހިފަހައްޓާލައިފައި ހަތަރުކަޅި ހަމަކޮށްލި އިރު ފެންކަޅިވެއްޖެއެވެ. އަފްލާކްގެ އަންބަކަށް ވާން ޚުދު އޭނާވެސް ބޭނުމެވެ. އެކަމަކު އެހިތް އެއީ އެހެން މީހެއްގެ ހައްޤެއްކަން ދެނެހުރެ އެފަދަ ކަމަކަށް އެއްބަސްވާނީ ކިހިނެތް ހެއްޔެވެ؟
"އެން ވަޓް އިފް އައި ޓެލް ޔޫ..... އެއަންހެން ކުއްޖާ ހުރީ މިވަގުތު މިތާގައޭ؟" ލަޔާލްގެ ވާހަކައަށްފަހު އެންމެން ހިމޭންވެފައި ތިއްބާ ދުރުން އަޑު އައެވެ. އެންމެން ސިހިފައި އެނބުރުނު އިރު އަފްލާކް ހުރީ ސިޑިން ފައިބައިގެން އެދިމާއަށް އާދެއެވެ. އެވަގުތު ކޮންމެ މީހެއްގެ މޫނުންވެސް ހައިރާންކަން ފެނިގެން ދިޔައެވެ. އަފްލާކްއަށް އެތަނުގައި ދެކެވުނު ވާހަކަ އިވިއްޖެކަން އެނގިގެން ލަޔާލް ކަންބޮޑުވެގެން ޖެހިލެވުނީ ދެފިޔަވަޅު ފަހަތަށެވެ. ދެންތިބި މީހުންނަށްވެސް ލަޔާލްގެ މި އަމަލު ފާހަގަ ކުރެވިގެން ބަލައިލިއެވެ. "ބައްޕާ އަހަރެން އަބަދުވެސް ބުނަމެއްނު އަހަރެންނާއި މެދު ތިހާބޮޑަށް ކަންބޮޑުނުވާށޭ. ބައްޕަ މާބޮޑަށޭ ތިވިސްނަނީ؟ ދެއަހަރު ދުވަސް ވާންދެން އަހަރެން އިތުރު ކުއްޖަކާއި ގުޅުން ނުބޭއްވީމަ އޭގެ މާނައަކީ އަހަރެން ދެވަނަ ކައިވެންޏެއް ނުކުރާނެއެކޭ ނޫން. އަހަރެންނަށް ކައިވެނި ކުރަން ކަމުދާ ކަހަލަ ކުއްޖަކު ނުފެނިގެން ދުރުގަ ހުރީ. އަދި މިއަދު ބައްޕަގެ ހިތުގައި ތިއެދުން އަށަގަތުމުގެވެސް ކުރީން އަހަރެން ލަޔާލް އާއި ކައިވެނި ކުރަން ނިންމާފައި ވާނީ." އަފްލާކް ދެއްކި ވާހަކައިން އެންމެން އަޖައިބު ކޮށްލިއެވެ. ޤަބޫލު ކުރަން ދަތިވެގެން އެކަކު އަނެކެއްގެ މޫނަށް ނަޒަރު ހިންގައިލެވުނެވެ. އެއެންމެންނާއި ޚިލާފަށް ލަޔާލްއަށް އެއަޑު އިވިގެން އެނބުރެވުނީ އަނެއްފަރާތަށެވެ.
"ލާކް އެއުޅެނީ އަހަރެން ފޫލް ހައްދަން...." ލަޔާލް ހިތާއި ހިތުން ބުނެލިއެވެ. އަޒީ ހުރީ ވީއުފަލުން ދައްކާނެ ވާހަކައެއް ނޭނގިފައެވެ. އަފްލާކް އައިސް ކައިރިއަށް ހުއްޓުނު ތަނުން އަވަހަށް ކޮނޑާއި ކޮނޑުގައި ޖައްސައި ސަލާމް ކުރިއެވެ. އުފާވެރިކަމުގެ ކަރުނަތައް އަޒީގެ ދެލޮލުން ފެނިގެން އަފްލާކް އާއި މަފާޒްގެ ހިތަށްވެސް އަސަރު ކުރިއެވެ. މަންމަގެ ނިޔާވިފަހު ބައްޕަ އެވަރަށް އުފާވެފައި ހުއްޓާ ފެނުނު މީ ފުރަތަމަ ފަހަރެވެ.
"ލަޔާލް! ދެން މިހާރުގެ ޖަވާބު ކޮބާ؟" މަފާޒް އަވަހަށް އަހާލައިފި އެވެ. ޔަޝާރު އައިސް ކޮނޑުގައި ހިފާފައި އަނބުރާލި އިރު ދެންތިބި އެންމެންގެ ނަޒަރު އޭނާގެ މޫނަށް ހުރިތަން ފެނިގެން ނޭވާވެސް ކަރުތެރޭގައި ތާށި ވެއްޖެއެވެ. "އަހަރެން..... އަހަރެން...." ލަޔާލްއަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. ކަރުތެރެ ހިކި އަޑު ބެދޭގޮތް ވަނީއެވެ. އޭނާގެ އަމިއްލަ ކަންފަތުން އަފްލާކް އެހުރިހާ ވާހަކައެއް ދެއްކި އަޑު އަހާފައި ހުއްޓާ މިއަދު ކުއްލިއަކަށް އިންނާމޭ ބުނުމުން އެއީ އަރަތަކަށް ވެއްޖެއެވެ. ހިޔާލު ކުރި ވަރަކަށް ސިކުނޑިވެސް ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ދޭނެ ޖަވާބެއް ހަމަ އެއްގޮތަކަށް ވިސްނުމަކަށް ނައެވެ. އާއެކޭ ބުނެފިއްޔާ އެއީ އެނގި އެނގިހުރެ އަލިފާނަށް ފުންމާލުން ކަމަށްވެސް ވެދާނެއެވެ. އަފްލާކް އެއުޅެނީ އޭނާގެ ދިރިއުޅުމާއި ކުޅެން ނޫންކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟ އަދި ނޫނެކޭ ބުނެގެން ތިމާގެ ލޯބި ގެއްލުވާލުން އެއީ އެޅޭ ޅައެއްޗަކަށް ވުން ގާތެވެ.
"އަހަރެން ބޭނުން ވިސްނަން." ލަޔާލް ބަލައިލީ އަޒީގެ މޫނަށެވެ. އެލޮލޮގައި އާދޭސްވިއެވެ. ނުތަނަވަސް ކަމާއި ކަންބޮޑުވުން ވިއެވެ. އަޒީ ބޯ ޖަހައިލުމުން ލަޔާލް އަވަހަށް ގެއިން ނިކުމެއްޖެއެވެ. ގޭޓާއި ހަމައަށް އޭނާ ދިޔައީ ދުވެފައެވެ. މަގުމައްޗަށް ނިކުމެވުނުއިރު ރަނގަޅަށްވެސް ނޭވާ އުފުރިއްޖެއެވެ. ލަޔާލް މޫނުމައްޗަށް ފައިބާފައި އޮތް އިސްތަށިތައް ރީތިކޮށްލަމުން އެނބުރި ބަލައިލީ އަނެއްކާވެސް ގެއާއި ދިމާއަށެވެ. ދެވަނަ ސިކުންތުގައި މޭގަނޑު އާދަޔާ ޚިލާފަށް ފިނިވެގެންއައެވެ. އަފްލާކް ނިކުމެ ހުރީ ގޭގެ މައިދޮރަށް ވުރެ ބޭރުގައި ހުންނަ ދެތަނބުން ކުރެ އެއްތަނބުގައި ލެނިގިލައިގެން ބަލާށެވެ.
އިރު އޮއްސި އަނދިރި ވީފަހުން ލަޔާލް އެނބުރި އައިސް ވަންއިރު ގޭގައި އެކަކުވެސް ފެންނާކަށް ނެތެވެ. ފަޅުވެފައިވާ ލިވިންރޫމް ގެ އެއްކޮޅުން އަނެއްކޮޅަށް ލޯ ހިންގައިލާފައި އޭނާ ހިނގައިގަތީ ކަރުހިއްކައި ގަނެފައި ހުރެގެންނެވެ. ދޮރުން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އަފްލާކް ފެނުނީ ކޮފީ މޭކަރ ކައިރީ ހުރެފައި އެނބުރިލަނިކޮށެވެ. ލަޔާލް ސިހިފައި ވަގުތުން އެނބުރި ލެވުނީ އަނެއްފަރާތަށެވެ. "އަހަރެން ފެނިގެންތަ ތިދަނީ؟" އެކަމަކު އަފްލާކްގެ އަޑުން އޭނާގެ ދެފައިގައި ކަސްތޮޅު އެޅިއްޖެއެވެ. "ނޫން. ދަނީއެއް ނޫން. އައީ." ލަޔާލް އެނބުރި ބަލައިލި އިރު ހުރީ ހަމަޖެހިލައިފައެވެ. އޭނާ ގޮސް ފްރިޖް ހުޅުވައިގެން ފެންކޯވަރެއް ބޯލާފައި އެނބުރިލިތަން މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. އަފްލާކް ހުރީ އެހާ އަވަހަށް އައިސް އޭނާގެ ކުރިމަތީގައެވެ.
"އިނގޭތަ އަހަރެން މަންމަ ކުޑައިރު ބުނި ވާހަކައެއް. އެއްވެސް މީހަކާއި ދިމާއަށް އަހަރެން ކަލެއާއި ނީންނާނަމޭ ބުނާކަށް ނުވާނެއޭ. އެހެން ބުނެފިއްޔާ ކޮންމެވެސް ގޮތެއް މެދުވެރިވެގެން އެމީހާކާއި ކަމަށް ވަނީ އިނދެވޭނީ." އަފްލާކް ކޮފީމަގު ހިފައިގެން ހުރި އަތް ނޫން އަނެއް އަތް ފްރިޖްގައި ވިއްދާލައިފައި ލަޔާލްއަށް އެތަނުން ނިކުތުން ހުރަސް އެޅިއެވެ. "އަހަރެން ކޮންއިރަކު ބުނީ ނީންނާމޭ؟" ލަޔާލް އަށް އަފްލާކް އެބުނި އެއްޗެއް ރައްދު ކުރީ އޭނާއަށް ކަން އެނގިގެން ބުނެލިއެވެ. އިސްއުފުލައި ލުމުން އަފްލާކްގެ މޫނުން އޭނާއަށް ލާނެތްކަން ފެނުނެވެ. ހިނިތުން ވެލުމުން މާބޮޑަށްވެސް އަފްލާކް ރީތިވެއެވެ. "ނުބުނަމެއްނު ވަކި އިންނާނަމެކޭވެސް؟" އަފްލާކް ކުރިއަށްވުރެ ކައިރިއަށް ޖެހިލުމުން ލަޔާލް ކަންބޮޑުވިއެވެ. ފަހަތަށް ޖެހިގެން އޭނާގެ ބުރަކަށި ފްރިޖްގައި ޖެހުން ނޫންކަމެއް ނުވާނެއެވެ. "ވަރަށް ބޭނުންތަ އަހަރެންނާއި އިންނަން؟" ލަޔާލް ޖެހިލުމެއްނެތި އަހާލައިފި އެވެ. ފުރުސަތު ލިބުމުން ގަދަ ކޮށްލަން އޭނާ ބޭނުމެވެ. އޭނާއަށް އަފްލާކް ދަސްވެފައި އޮތް ގޮތުން ވިއްޔާ އެއްވެސް މީހަކު ކުރިމަތީގައި ނިކަމެތި ވާކަށް ބޭނުމެއް ނުވާނެއެވެ. އެއްވެސް މީހަކު ކައިރީ ކަމަކަށް އެދޭކަށް އަދި އަނެކާއަށްވުރެ ތިމާ ދަށްވެއްޖެކަން ގަބޫލު ކުރާކަށް އަފްލާކް ދުވަހަކުވެސް ނުރުހޭނެއެވެ. "މިހާރު ވެޑިން ނައިޓްވެސް ޕްލޭންކޮށްފިން." އަފްލާކް ނުހަނު ހުޝިޔާރެވެ. އެންމެ ޖުމްލައަކުން ލަޔާލްގެ ހުރި ހިތްވަރު އެލުވާލައި އެސްފިޔަތައް ތިރި ކުރުމުގައި ކާމިޔާބު ކޮށްފިއެވެ. ލަދުގަތް ވަރުން ލަޔާލްގެ މުޅި މޫނަށް ރަތްކުލަ ފެތުރިގެން ދިޔައެވެ. ތުންފަތުގައި ދަތް އަޅައިލެވިއްޖެއެވެ.
"ތެދެކޭ މިބުނީ. ދަރިންނަށް ކިޔާނެ ނަންވެސް ހޯދައިފިން. ގާރލްއަށް ކިޔާނީ ލިޒް. ބޯއިއަށް ކިޔާނީ ލޫކް. ރަނގަޅު ދޯ؟" އަފްލާކް ކޮފީމަގު ފްރިޖްމަތީގައި ބަހައްޓާފައި އަނެއްއަތްވެސް ވިއްދާލައި ލަޔާލް ދެފަރާތުން ހައްޔަރު ކޮށްލައިފި އެވެ. މިހާރު ވައިރޯޅިއަކަށްވެސް އެދެމީހުން ހުރަސްކޮށްފައި ދެވޭނީ ހުއްދަ ލިބިގެންނެވެ. "އަހަރެން ދާންވެއްޖެ." ލަޔާލް އަދިވެސް އިސް އޮބިފައި ހުރެގެން ބުނެލިއެވެ. "އޯކޭ އޯލްރައިޓް. އަވަހަށް ދޭ!" ލަޔާލް ހައިރާން ކޮށްލާފައި އަފްލާކް ނުހަނު ފަސޭހައިން ދުރަށް ޖެހުނެވެ. ލަޔާލް އަވަހަށް ދޮރާއި ހަމައަށް ދިޔަފަހުން އަފްލާކް އަނެއްކާ ގޮވައިލުމުން ހުއްޓިފައި އެނބުރި ބަލައިލިއެވެ. "އެކަމަކު ޖަވާބުދޭން މާގިނަ ވަގުތު ނުނަގާތި އިނގޭ ކެތެއް ނުވާނެ!" އަފްލާކް އަތް މުށްކަވައިލާފައި ހިތާއި ދިމާއިން މޭގައި ޖަހައިލަމުން ބުނެލިއެވެ. އެލޮލުގައި ވި ލާނެތް ކަމާއި ތުންފަތުގައި އަދިވެސް ކުޅެލަ ކުޅެލާ ހުރި ރީތި ހިނިތުންވުން ލަޔާލްގެ ހިތާއި ހަމައަށް ފޯރިއެވެ. ވަގުތުން ފޮނި މީރު ކަމެއް ހިތާއި ރޫޚަށް ލިބިގެން ދިޔައެވެ. "ލެޓްސް ސީ." ލަޔާލް ރަކި ގޮތަކަށް ހެވިލާފައި އަވަހަށް އެތަނުން ދިޔައެވެ.
ލަޔާލްގެ އުފާވެރިކަން ނެތިގެން ހާސް ކަމަކަށް ބަދަލުވީ ކޮޓަރިއަށް ވަން ފަހުންނެވެ. ކުރީ ރޭ އޭނާ ކަންފަތުން އެހި ބަސް އަނެއްކާވެސް ތަކުރާރު ވެގެން އިވެން ފަށައިފިއެވެ. ލަޔާލްއަށް ވިސްނާ ވިސްނާ ވެސް ނޭނގުނީ ލޯބިވެރިޔަކު ހުރެ އަފްލާކް އޭނާއާއި ގުޅެން ބޭނުންވާ ސަބަބެވެ. ހިތަށް އެރިއެވެ. ވަގުތުން ގޮސް އަހަންވީއެވެ. ޖަވާބުދޭން މަޖުބޫރު ކުރަންވީއެވެ. އެކަމަކު އެއިރުން އަފްލާކް ދޮގު ހަދައި އޮޅުންވާލަފާނެއެވެ. އެންމެ ރަނގަޅުވާނީ ޖަވާބު ނުދީ ހުރެގެން އެހަޤީޤަތް ހޯދަން މަސައްކަތް ކުރިއްޔާއެވެ. އެކަމަކު އެކަން ކުރަން އޭނާ އޮތީ ކުޑަ ވަގުތު ކޮޅެކެވެ. އަފްލާކް ބުނިހެން ޖަވާބު ލަސްވެއްޖެއްޔާ ގޭގެ އެހެން މީހުންވެސް ސުވާލު ކުރަން ފަށާނެއެވެ.
ނަތާ ކޮޓަރި ތެރޭގައި އޮތީ ސްކައިޕުން ބޭރުގައި ހުރި އެކުވެރިއަކާއި ވާހަކަ ދައްކާށެވެ. އެކުވެރިޔާ އެބަ އަންނަމޭ ބުނެ ދުރަށް ޖެހިލި ފަހުން އޭނާ އޮންލައިންގަ ތިބި އެކުވެރިންގެ ލިސްޓް ބަލަނިކޮށް އަރިއާން ފެނުނެވެ. އަރިއާން އަދި "އެޑް" ކޮށްފައި ހުއްޓަސް މިވީހާ ތަނަކަށް ސްކައިޕުން އެދެމީހުން ވާހަކަ ދައްކާފައެއް ނުވެއެވެ. ވިސްނަން އޮވެލާފައި ނަތާ އަރިއާންއަށް ގުޅަން ފެށިއެވެ. "ހޭއި!" އަރިއާން ކޯލަށް ޖަވާބު ދެމުން ކެމެރާއަށް ހަނާ އަޅައިލިއެވެ. "ހޭއި! ވަސްއަޕް؟" ނަތާ ހިނިތުންވެފައި އެހިއެވެ. "އައި ގެސް... ސީލިންގް." އަރިއާން އިނީ މަޖާ މޫޑެއްގައެވެ. ނަތާ ހީލާފައި އަރިއާން ކުރާކަމެއް ދެނެގަންނަން ވެގެން މަސައްކަތް ކުރިއެވެ. އަރިއާން މޯބައިލްއިން ނިކަން އަވަހަށް މެސެޖެއް ލިޔެފާއި ފޮނުވީއެވެ. "ކާކަށް މެސެޖް ކުރަނީ؟" ނަތާގެ މަޤްސަދަކީ ވާހަކަ ކުރިއަށް ގެންދިއުމެވެ. "ބިޓަކަށް." އަރިއާން ބާލީހެއްގައި ބަނޑުއަޅައިލަމުން އެއްލޯ މަރައިލި އެވެ. "ގޯހެއް ނޫން." ނަތާ ބުނެލިއެވެ. "ނަތާ ބިޓެއް ހުރޭތަ؟" ކުއްލިއަކަށް އަރިއާން ކުރި ސުވާލަކުން ނަތާގެ ކުލަވަރު ރީނދޫވެގެން ދިޔައެވެ. އެފަދަ ކޮންމެ ސުވާލެއް ކުރިމަތިވާހިނދު އޭނާގެ ހިތުގެ ލޯގަނޑަށް ރާފިލްގެ ސޫރަ އަރަނީ އަޖައިބެއްފަދަ ގޮތަކަށެވެ. ބައެއްފަހަރު ނަތާ އަމިއްލައަށް ހިޔާލުގައި ހުރެގެންވެސް ރާފިލް އާއި ވާހަކަ ދައްކައެވެ. ކިތަންމެ ފަހަރަކު ރާފިލް ކުރިމަތީ ހުންނަހެން ހީވެގެން ބަލައިލެވެއެވެ. އެހެންވެގެން ކަންނޭނގެއެވެ. ރާފިލް އަރިއާންގެ ކޮޓަރިއަށް ވަދެގެން އައިސް އެނދުގެ މަގަތުގައި އިށީންދެލީއިރު އެއީ ހަޤީޤަތެއް ކަމެއް އޭނާއަށް ރޭކައެއް ނުލިއެވެ.
"އަހަރެން ދުވަހަކުވެސް މީހަކާއި ނީންނާނަން." ނަތާ ބުނެލި ޖުމްލަ އިވިގެން ރާފިލްވެސް ލެޕްޓޮޕްގެ ސްކްރީނަށް ނަޒަރު ހުއްޓާލައިފި އެވެ. ވަދެގެން އައިއިރު، އަރިއާން ސްކައިޕް ކުރަން އޮތްކަމެއް އޭނާ ނުވެސް ދެނަހުއްޓެވެ.
"އަރޭ ބިޒީވިއްޔާ ދޮންބެ ފަހުން އަތުވެދާނަން." ރާފިލް ކުއްލިއަކަށް ތެދުވެއްޖެއެވެ. ނަތާއަށް އެއަޑު އިވިގެން ރަނގަޅަށް ބަލައިލުމުން އަރިއާން ކޮޓަރި ތެރޭގައި ރާފިލް ހުއްޓާ ފެނުނެވެ. އިތުރަށް މޫޑު ހަރާބު ވާގޮތްވިއެވެ. އޭނާ އަދި ކިތަންމެ ދެރަވިއަސް އަމިއްލަ އިހްސާސްތައް ރާފިލްއަށް އަންގާކަށް މިހާރު ބޭނުމެއް ނޫނެވެ. އެއިހްސާސް ތަކުގެ އަގު ރާފިލް ދުވަހަކުވެސް ވަޒަނެއް ނުކުރާނެއެވެ. "އަރިއާން. އަހަރެން ދާންޖެހިއްޖެ. ބައި." ނަތާ އަވަސް ކުރަންވެގެން ކަނެކްޝަން ވެސް ދުއްވާނުލައި ލެޕޮޓޮޕް ބާރަކަށް ލައްޕާލައިފި އެވެ. ދެވަނަ ސިކުންތުގައި ދެލޮލަށް ކަރުނަތައް ގިނަވެގެން އައެވެ. އޭނާ ދެއަތްތިލަ ބޮނޑި ކޮށްލައިގެން ހިތާއި ދިމާލުގައި ޖައްސާލައިފައި ލޯމަރައިލައިގެން ޖައްސާލިއެވެ. ދުވަހަކު އުންމީދުވެސް ނުކުރާފަދަ ވޭން ދެނިވި އެއްޗެއް ކަމުގައި ލޯބި ވެއްޖެއެވެ. ޒަހަރެއް ފަދައިން އެލޯބި އޭނާގެ ދިރިއުޅުމަށް ވިހަ ލައިފިއެވެ.
ލަޔާލް އިޝާނަމާދު ކޮށްގެން އެނދުގައި ޖައްސާލިތާ އިރުކޮޅަކުން ރާމިޒާ އައީ ކާން ގޮވަން ވެގެންނެވެ. އޭނާ ބޭރުން ކެއި ކަމަށް ބުނެ ބަހަނާއެއް ހަދައިލީ ކާހިތް ނުވެގެންނެވެ. ރާމިޒާ ދިޔަ ފަހުން ލަޔާލް އޮތްވައި ޔާނިޒްވެސް ދަމުން ގޮވިއެވެ. ޔާނިޒް ކައިރީވެސް އޭނާ ބުނީ އެއް ވާހަކައެކެވެ. ކުއްލިއަކަށް މޮޅު ހިޔާލެއް އައިސްގެން ލަޔާލް ތެދުވިއިރު އާ ހިތްވަރެއް ލިބިއްޖެއެވެ. އޭނާ ލޯގަނޑު ކައިރިއަށް ހުއްޓި ހޭވިފައިވާ އިސްތަށިގަނޑުގައި އަތުން ފުނާ އަޅައިލާފައި ކޮޓަރިން ނިކުތެވެ. ލަޔާލް ދެކޮޅު ބަލަމުން ތިންވަނަ ބުރިއަށް އަރައިގެން ދިޔައިރު ހިތްވެސް ވަނީ އަވަސްވެފައެވެ. އޭނާ ހުއްޓުނީ އަފްލާކްގެ ކޮޓަރި އާއި ހަމައަށް ދެވުމުންނެވެ. އޭނާއަށް ޔަޤީނެވެ. އަފްލާކް ވާނީ އެހެން އެންމެންނެކޭ އެއްފަދައިން މިވަގުތު ފާޚާނާގައެވެ.
ތަޅުގައި ހިފާލައިފައި ލަޔާލްއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ނަސީބު ރަނގަޅުކަމުން އެދޮރުވެސް އެހުރީ އޭނާއަށްޓަކައި ހުޅުވިފައެވެ. ލަޔާލް އެތެރެއަށް ވަދެ އަވަހަށް ދޮރު ލައްޕާލައިފައި އެނބުރިލިއެވެ. ދެވަނަ ސިކުންތުގައި އަޖާއިބުވެ އަނގަ ހުޅުވިފައި ހުރެވުނެވެ. މުޅި މިގޭގައިވެސް މިފެންވަރުގެ އެހެން ކޮޓަރިއެއް ހުންނެއެކޭ ހިތެއް ނުބުނެއެވެ. ބަލައިލި ކޮންމެ ދިމާއަކުން ޝާހީ ކަމެވެ. ފަރުނީޗަރާއި ކުޑަދޮރު ކައިރީ ދަމާފައިވާ ދޮރު ފޮތިން ފެށިގެން އެނދުގައި އަޅާފައިވާ ބެޑްޝީޓާއި ބްލޭންކެޓް ވިއަސް ހެވެއެވެ. އަފްލާކް އެއީ ރަތް ކުލައިގެ މާ ބޮޑު "ފޭން" އެއްކަން އަދި ކިރިޔާ އޭނާއަށް އެނގުނީއެވެ. އެބޮޑު އެނދު ފެނިފައިވެސް ހިތް އުދުއްސައި ގަންނަ ގޮތްވިއެވެ. ބޭނުންވީ ދުވެގޮސް ވެއްޓި ގަންނާށެވެ. ލަޔާލް ވަށައިގެން އެނބުރެމުން އަލަމާރި އާއި ހަމައަށް ދިޔައިރު ކޮޓަރީގައި ހަރުލާފައިވާ އެއަރ ފްރެޝްނާގެ މީރުވަސް ފާހަގަ ކުރެވުނެވެ. އަފްލާކްގެ ހަށިގަނޑުންވެސް ދުވަނީ މިފަދަ ހިތްގައިމު ވަހެކެވެ. ލަޔާލް އަލަމާރި ކައިރީ ހުރެފައިވެސް އަނެއްކާ އެނދާއި ގާތަށް ދިޔައެވެ.
"ސޯ ކޮމްފީ." ލަޔާލް އެނދުގައި ކިރިޔާ ފޫޖައްސާލައިގެން އިށީންދެފައި މެދާއި ހިސާބުން ފެށިގެން ކޮޅާއި ހަމައަށް ރީތިކޮށް އަޅާފައިވާ ބްލޭންކެޓް މަތީ އަތްތިލަ ބާއްވައިލައިގެން ބަލަން އިނެވެ. އިރުކޮޅަކުން އެދިމާއަށް ގުދުވެލައިފައި ފާޑަކަށް މޫނު ހަރާލައިގެން އޮށޯވެލައިފިއެވެ. ބްލޭންކެޓްގައިވެސް ދުވަނީ ހާދަ މީރު ވަހެކެވެ. ހިތްފުރި އުތުރި އަރައިފިއެވެ. "ޕޮސިބަލް ވެއްޖެއްޔާ މެރީކޮށްގެން އަހަރުމެން އުޅޭނީ މިކޮޓަރީގައި. ނިދާނީ މިއެނދުގައި." ލަޔާލް އަމިއްލަ ހިތަށް އިވޭވަރަށް ބުނެލާފައި ހިނިތުންވެލައިފި އެވެ. ދެން ކުއްލިއަކަށް ކުރަން އައި ކަންތައް ހަނދާންވެގެން ތެދުވިތަނުން ތުރު ތުރު އަޅައިގެން ދިޔައެވެ. ފާޚާނާގެ ދޮރު ހުޅުވާފައި އަފްލާކް ނިކުތީއެވެ.
(ނުނިމޭ)