ރާއްޖެ ޓީވީން ފޮނުވި ރިޕޯޓެއްގެ މައްސަލަ ބަލައިދިނުމަށް އެދި ބްރޯޑްކާސްޓިން ކޮމިޝަންނަށް ސުޕްރީމް ކޯޓުން އަންގާފައި ވަނިކޮށް، ސުޕްރީމް ކޯޓުން އަނެއްކާ އެ މައްސަލަ ފުލުހުންނާ ހަވާލުކުރުމަކީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނު ފަހަނައަޅައި ދިއުން ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ބުނެފި އެވެ.

މިރޭ މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަނުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ ރާއްޖެ ޓީވީ އިން ފޮނުވި ރިޕޯޓެއްގެ މައްސަލަ ބަލައި ދެއްވުން އެދި ސުޕްރީމް ކޯޓުން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ދަށުން އެ މައްސަލަ ބަލައި ނިންމާނެ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ބްރޯޑްކާސްޓަރުންނާ ގުޅުން ހުރި މައްސަލަ ބެލުމަށް މިނިވަން މުއައްސަސާތައް އުފައްދާފައި ވަނިކޮށް، ސުޕްރީމް ކޯޓުން އަނެއްކާ އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނާ ހަވާލުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޝަހީބު ވިދާޅުވި އެވެ.

"ބްރޯޑްކާސްޓްކުރި ކޮންޓެންޓެއްގެ މައްސަލަ ބެލުމަށް ފުލުހުންނާ ސުޕްރީމް ކޯޓުން އަމުރެއް ކުރެއްވުމަކީ މި ކޮމިޝަނުން ކަންބޮޑުވާ ކަމެއް. އަދި އެއީ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް މި ކޮމިޝަނުން ދެކެން،" ޝަހީބު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ގާނޫނުތަކެއް ހަދާފައި ހުއްޓަސް، އެ ގާނޫނުތަކަށް އަމަލުނުކުރެވޭ ނަމަ އެ ގާނޫނެއްގެ ބޭނުމެއް ނެތް ކަމަށާއި އެފަދަ މައްސަލަތައް އެހެންދާ ނަމަ އެ ކޮމިޝަންގެ ވެސް ބޭނުމެއް ނެތް ކަމަށެވެ.

"އެ ބާރުތައް އެހެން ދިމާއަކުން ދިއުން އެއީ ގާނޫނުތަކުގެ ބޭނުމެއް ނެތް ކަމެއްގެ ގޮތެއްގެ ގޮތުގައި ފެނުން. ގާނޫނުތަކެއް ކަނޑައަޅާފައި އެ ގާނޫނުތަކަށް އަމަލު ކުރުމުގެ ބޭނުމެއް ނެތެއް ނޫންތޯ، ކޮންމެ ދިމާއަކުން ކޮންމެ މައްސަލައެއް އަޔަސް. އެހެން ދިމަދިމާ އިން އެހެން ކޯޓުތަކުން އަމުރުތައް ކޮށްގެން އެހެން ކުރަންވެއްޖެއްޔާ ގާނޫނުގެ ބާރެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ. ކޮމިޝަންގެ ބޭނުމެއް އޮތް ކަމަކަށް ވެސް ގަބޫލެއް ނުކުރެވޭ،" ޝަހީބު ދިވާޅުވި އެވެ.

ޝަހީބު ވިދާޅުވީ ރާއްޖެ ޓީވީ އިން ފޮނުވާފައިވާ ރިޕޯޓެއްގެ މައްސަލާގައި އެ ޗެނަލްގެ ނިއުސް ހެޑް އިބްރާހީމް ވަހީދު (އަސްވާޑު) ފުލުހުންނަށް ހާޒިރު ކުރުމަށް އެންގެވުމުން އެކަން ދިޔަގޮތް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ އަރިހުން އައްސަވާފައިވާ ކަމަށެވެ. އަދި އެ ދެ ފަރާތް ދެމެދުގައި ހަދާފައިވާ އެމްއޯޔޫ އާ އެއްގޮތަށް ގެންދިއުމަށް ދެންނެވި ކަމަށެވެ.

"އެކަމާ ގުޅިގެން [އަސްވާޑް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވުން] ކޮމިޝަނަރު އޮފް ޕޮލިސް އަށް ފޯނުކުރިން. އެކަމުގެ ކަންބޮޑުވުންތައް ހުރީމާ ސާފުކުރުމަށް ޓަކައި. ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވީ އެމްއޯޔޫ ހަދާފައި އޮތް ނަމަވެސް އެއީ ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން އެ މައްސަލަ ބަލަން އެބޭފުޅުންނާ ހަވާލުކޮށްފައި ވާތީ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވާން ޖެހޭނެ ކަމަށް."ޝަހީބު ވިދާޅުވި އެވެ.