ދ. އަލްސަނާ، ވެލާވަރު ރިސޯޓަށް މޫދަށް އެރި އުޅުނު ޓޫރިސްޓަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 11:05 އެހާކަންހާއިރު އެ ރިސޯޓުގެ މޫދުގައި މަރުވެފައި އޮއްވައި ފެނުނީ އުމުރުން 25 އަހަރުގެ ޗައިނާ ފިރިހެނެއް ކަމަށެވެ.

"އެ މީހާ ފަޅުތެރޭގައި އޮއްވައި ފެނިފައި ވަނީ އެ ރިސޯޓްގައި މަސައްކަތްކުރާ މީހަކަށް،" ފުލުހުން ބުންޏެވެ.

މަރުވި ޓޫރިސްޓް މީހާ ބެއްލެވި ޑޮކްޓަރާ ހަވލާދީ ފުލުހުން ބުނީ އޭނާ މޫދުން ނަގައިގެން ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި އެ ޓޫރިސްޓް މީހާގެ ހަށިގަނޑު މާލެ ގެނެސް ފުލުހުން އެ މައްސަލަ ބަލަމުންދާ ކަމަށް ބުންޏެވެ.

އެ ޓޫރިސްޓް މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ހޯދާލުމަށް އަލްސަނާ ވެލާވަރު ރިސޯޓަށް ގުޅި ނަމަވެސް އަދި މިހާތަނަށް މައުލޫމާތެއް ލިބޭގޮތެއް ނުވެ އެވެ.