ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި، މި މަހުގެ 24 ވަނަ ދުވަހު ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން އިއްވި ޙުކުމް ވަރަށް ސާފު ކަމަށާއި އެހެންކަމުން،އެ ދެ މެންބަރުން މަޖިލީހަށް ވަދެހެދުމުގެ ހައިސިއްޔަތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ސެކިޔުރިޓީ ބެލެހެއްޓުމަކީ، މަޖިލީހުގެ ރައީސް އަންގަވާ ގޮތެއްގެ މަތިން، އެމްއެންޑީއެފް އިން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށެވެ. އަދި ގޮނޑި ގެއްލުނު ދެ މެންބަރުން މަޖިލީހަށް ވެދެވަޑައިގަންނަވަން ޖެހޭ ކަމަށްވާ ނަމަ، އެކަން ބަޔާންކުރައްވައި ސިޓީއަކުން އެންގެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި އެމްއެންޑީއެފް އިން ދެންނެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"ސަރުކާރުން ދެކޭގޮތުގައި ގޮނޑި ގެއްލުނު ދެ މެންބަރުންގެ މެންބަރު ކަމުގެ ހައިސިއްޔަތެއް މިހާރަކު ނެތް،" ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ. "އެހެންވީމާ، އެ ދެ މެންބަރުންނަކީ މިހާރު ޢާންމު ރައްޔިތުންނެވެ،"

ރައީސް އޮފީހުން ބުނީ އޭގެ ތެރެއިން މެންބަރަކު މިއަދު މަޖިލީހަށް ވަންނަން އުޅުނީމާ އެމްއެންޑީއެފް އިން އެކަން ވަނީ ހުއްޓުވާފައި ކަމަށެވެ.

"އެކަން ހުއްޓުވުމަކީ، އެމްއެންޑީއެފްގެ ވާޖިބެކެވެ،"

އަދި އެ މެންބަރު، އެމްއެންޑީއެފްގެ ސެކިޔުރިޓީންގެ ގަޔަށް އަތްލައި، މާރާމާރީ ހިންގާފައި ވާތީ، އެމްއެންޑީއެފްގެ ފަރާތުން އެ މެންބަރު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަވިސްއާ ހަވާލުކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭނެ ރައްޔިތެއް ކަމަށާއި އެހެންކަމުން، ޝަރުޢީ ކޯޓަކުން ކުރައްވާފައިވާ ޙުކުމަށް ކޮންމެ ރައްޔިތަކު އިޙްތިރާމް ކުރަންޖެހޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"ޝަރުޢީ ކޯޓުތަކުގެ ޙުކުމްތަކަށް ގޮންޖަހައި، އެކި ޢަމަލުތައް ހިންގުމަށް އެއްވެސް ފުރުޞަތެއް ސަރުކާރުން އެއްވެސް ފަރާތަކަށް ނުދޭނެ." ރައީސް އޮފީހުގެ ބަޔާނގައިވެ އެވެ.