ރައްޔިތުންގެ މަޖިލީހުގެ އަގު ވައްޓާލަން މަސައްކަތްކުރައްވަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކަމަށް ޖުމްހޫރީ ގުޅުމުން ބުނެފި އެވެ.

ޖުމްހޫރީ ގުޅުމުގެ ފަރާތުން މިއަދު ހަވީރު މ. ކުނޫޒުގައި ނޫސްވެރީންނާ ވާހަކަދައްކަވަމުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތަލިބު ވިދާޅުވީ އެމްޑީޕީން މަޖިލީހުގެ ރައީސް ޝާހިދަށް ޕްރެޝަރު ކުރަމުން އަންނަކަމަށެވެ. އެ ޕްރެޝަރުތަކާ ހެދި މަޖިލީހުގެ އަގު ވައްޓާލައި ސަރުކާރުގެ މުއައްސަސާތައް ހަލާކުކުރުމަށް ޝާހިދު މަސައްކަތް ކުރައްވާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ކަރާމާތާއި ރައްޔިތުން މަޖިލީހުގެ އަގު ވައްޓާލަން އުޅުއްވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ރައްޔިތުން މަޖިލީހުގެ ރައީސް. ހާއްސަކޮށް މިކަމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ މަޖިލީހުގެ ރައީސް،" މުއްތަލިބު ވިދާޅުވި އެވެ.

ނޫސްވެރީންނާ ވާހަކަދައްކަވަމުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ މިއަދު ބާއްވަން ހަމަޖެހިފައި އޮތް މަޖިލީހުގެ ޖަލްސާއާ ދިމާކޮށް މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ތެރެއަށް ވަދެވަޑައިގަންނަވަން އުޅުއްވުމުން ސިފައިން އެކަމަށް ހުރަސްއަޅާފައި ވަނީ ގާނޫނީ އިމުގެ އިތެރެއިން ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރުތަކަށް ގޮންޖަހަމުންދާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ފާހަގަކުރައްވައި ރިޔާޒު ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން މަޖިލީހުގައި ހިންގި ކަންތައްތަކާ މެދު ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލާއި ސުޕްރީމް ކޯޓަށް ގޮވާލައްވާ ކަމަށެވެ.

އާޒިމް ހައްޔަރުކޮށް ފުލުހުންނާ ހަވާލުކުރީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަވަން ތިއްބެވި ސިފައިންނާ މެދު މާރާމާރީ ހިންގާފައިވާތީ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.