26 Oct 2013, 17:45
ރާއްޖެޓީވީގެ ނިއުސް ހެޑް އިބްރާހީމް ވަހީދު (އަސްވާޑު) ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާދަމާ ރޭ 8:00 އަށް އަސްވާޑު ފުލުސް އޮފީހަށް ހާޒިރު ކުރަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ރާއްޖެ ޓީވީން ރިޕޯޓެއް ގެނެސްދީފައި ވާތީ އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު 10 ދުވަހުގެ ތެރޭގައި އެކަން އެންގުމަށް ސުޕްރީމް ކޯޓުން ދާދި ފަހުން ވަނީ ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަނަށް އަންގާފަ އެވެ.
ރާއްޖެ ޓީވީން ވަނީ "ސަމޫދު ބާގައިގެ މީހުންގެ" ޝަރީއަތް ކުރި ގޮތް ދައްކުވައިދޭ ވީޑިއޯތަކެއް ހިމަނައިގެން ރާއްޖޭގެ ޝަރުއީ ނިޒާމަށް ފާޑުކިޔާފައިވާ ރިޕޯޓެއް ގެނެސްދީފަ އެވެ. ސަމޫދު ބާގައިގެ މީހުން ޝަރީއަތް ކުރި ގޮތާއި ރާއްޖޭގެ ޝަރުއީ ނިޒާމާ އެއްވެސް ތަފާތެއް ނެތް ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.