ރާއްޖޭގައި ފުރަތަމަ ފަހަރަށް "ކޮމިއުނިޓީ ކެބިނެޓް" ބާއްވަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.


މިކަން ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ކެބިނެޓްގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.


ކޮމިއުނިޓީ ކެބިނެޓަކީ، ވަޒީރުން އެކި ސަރަހައްދުތަކުގެ ރަށްރަށަށް ޒިޔާރަތް ކުރައްވައި، ރައްޔިތުންކުރާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ބައްދަލުވުމެކެވެ.


ރައީސް އޮފީހުން ބުނީ މި ބައްދަލުވުމަކީ ރައްޔިތުންނާއި ސަރުކާރާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރާ ބައްދަލުވުންތަކެއް ކަމަށެވެ. އަދި ބުނީ ކޮމިއުނިޓީ ކެބިނެޓް ބާއްވާ ސަރަޙައްދެއްގެ ހުރިހާ ރައްޔިތުންނަށް އެކަމުގައި ބައިވެރިވުމުގެ ފުރްސަތު ހުޅުއްވައިލާނެ ކަމަށެވެ.


ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކޮމިއުނިޓީ ކެބިނެޓް ބޭއްވެވުމަށް ނިންމެވީ، ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް، ސީދާ ރައްޔިތުންގެ ފަރާތުން އޮޅުން ފިލުއްވުމުގެ މުހިންމު ކަމާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ އިހްސާސްތައް ދެނެވަޑައިގެން، ދެފަރާތުގެ މައުލޫމާތު ހިއްސާ ކުރުމަކީ ވަރަށް ގިނަ ފައިދާ ލިބޭނެ ކަމެއް ކަމަށް ފެނިގެނެވެ.


މިއަދު އޮތް ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މަސައްކަތްތައް ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދިއުމަކީ ދައުލަތް ހިންގުމުގެ އާންމު ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ކަނޑައެޅުމަށާއި ޤާނޫނުއަސާސީ އާއި ޤާނޫނަށް ހުރިހާ ދާއިރާތަކެއްގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ވަރަށް މުހިންމު ކަމެއްކަން ވަޒީރުން ފާހަގަ ކުރެއްވެވި އެވެ.


އެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހާ ހަވާލު ކުރައްވާ ކަންކަން އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް އިންފޮމޭޝަނާއި ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން މަޖިލީހުގެ މަސައްކަތްތައް ހަރުދަނާ ކުރުމަކީ ވަރަށް މުހިންމު އަދި ފައިދާހުރި ކަމެއްކަން ވެސް ވަޒީރުން ވިދާޅުވި އެވެ.


މި އަދުގެ ޖަލްސާގައި ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ނިންމެވުންތަކުގެ މައުލޫމާތު، ފޭސްބުކް، ޓުވިޓާ ފަދަ ސޯޝަލް ނެޓްވާކްތައް މެދުވެރިކޮށް އާންމު ކުރުމަށް ވެސް ނިންމެވެވި އެވެ. ރައީސް އޮފީހުން ބުނީ އޭގެ ސަބަބުން، އެ ނިންމުންތަކާމެދު ހިޔާލުފާޅުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ތަނަވަސްވެގެންދާނެ ކަމަށެވެ.