26 Oct 2013, 16:15
ސާބިތު ދަރަނީގެ މައްސަލައެއް ޝަރީއަތަށް ސާބިތުވެގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ އިދާރާ އިން ނެރުމުގައި ސިފައިން އަމަލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ގާނޫނުން ލިބިދީފައިވާ ބާރުތަކާއި ހައްގުތައް ނިގުޅައި ގަނެވޭ ފަދަ ގޮތަކަށް ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވެފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމަށް މިއަދު ފޮނުއްވި ސިޓީފުޅެއްގަ އެވެ. އެ ސިޓީގައި ޝާހިދު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ތެރެއަށް މިއަދު ސިފައިން ވަދެ ހަރަކާތްތެރިވެފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން މަޖިލީހުގެ ރައީސް އަށް ލިބިފައިވާ ބާރުތަކާއި ހައްގުތައް ނިގުޅައި ގަނެވޭ ގޮތެއްގެ މަތީން ކަމަށެވެ.
މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ބ)ގައި ބުނެފައި ވަނީ މަޖިލީހުގެ ގެއާއި އެގޭގެ ގޯތިތެރެއާއި ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަނޑައަޅާ ގޮތުގެ މަތިން ދައުލަތުގެ ސަލާމަތީ ބާރުތަކުން ކަމަށެވެ.
"މަޖިލިސްކުރާ ގެއަށް މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކުރެވޭ ބޭފުޅުންނާއި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް އަޑު އެހުމަށް ވަޑައިގަންނަވާ ބޭފުޅުން ވަޑައިގަތުމުން އަމަލުކުރަމުން މިހާތަނަށް ގޮސްފައި ވަނީ ކަނޑައެޅިފައިވާ ވަކި އުސޫލްތަކެއްގެ ދަށުންނެވެ. ނަމަވެސް މިއަދު ހެނދުނު މަޖިލިސް ކުރާ ގެއަށް މެދުހެންވޭރު ދާއިރާގެ މެންބަރުކަމުގައި ހުންނެވި އަލީ އާޒިމް ވަޑައިގަތުމުން އިސްވެ ދެންނެވުނު އުސޫލުތަކުގެ ބޭރުން އޭނާ ހިފަހައްޓަވައި އޭނާ އާ މެދު އަމަލު ކުރައްވާފައިވާކަން ހިތާމައާ އެކު ފާހަގަކުރައްވާކަމުގަ އެވެ." ޝާހިދު ވިދާޅުވެފައިވެ އެވެ.
މަޖިލީހުގެ އިދާރާގެ ތެރެއަށް އާޒިމު ވަދެވަޑައިގަތުމުން އެމްއެންޑީއެފުން ވަނީ އެނާ އެތަނުގެ ތެރެއިން ނެރެ ފުލުހުންނާ ހަވާލުކުރުމަށް ފަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަޖިލީހުގެ މެދުހެންވޭރު ގޮނޑި އާއި އަލިފުށީ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވާތީ އާޒިމާއި ނާޝިޒް މަޖިލީހުގެ ތެރެއަށް ވެއްދުމުގައި މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތުން އަމަލުކުރަންވީ ގޮތެއް އަންގަވައި ދެއްވުމަށް އެދި އޮކްޓޯބަރު 25ގައި މަޖިލީހުގެ ރައީސަށް އެމްއެންޑީއެފުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް މަޖިލީހުގެ ރައީސްގެ ފަރާތްޕުޅުން އެފަދަ ލިއުމެއް ނުލިބޭ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ ދެ ބޭފުޅުން މަޖިލީހަށް ވެއްދުމަށް މަޖިލީހުގެ ރައީސް ލިއުމަކުން އެމްއެންޑީއެފަށް އެންގެވުމުން މަޖިލީހަށް އެބޭފުޅުން ވެންނެވުމަކަށް ހުރަހެއް ނާޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އެސިޓީ މަޖިލީހުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
މަޖިލީސްގެ ރައީސް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލިސް ކުރާ ގޭގެ ތެރޭގައި ހުންނަވަނިކޮށް، އިސްވެ މަޖިލީހުގެ ރައީސަށް އެއްވެސް އިޝާރާތެއް ކުރެއްވުމެއް ނެތި ސިފައިންގެ ޔުނީފޯމްގައި ތިބި ގިނަ އަދަދެއްގެ ބަޔަކު ވަދެ ބާރުގެ ބޭނުންކޮށް، އޭނާ މަޖިލިސް ކުރާ ގެއިން ނެރެފައި ވަނީ މިއަދު މިކަމުގައި އަމަލުކުރަންވީ ގޮތަކާ މެދު މަޖިލީހުން ސިޓީއެއް ފޮނުވާފައިވަނިކޮށް ކަމަށް ވެސް ޝާހިދު ވިދާޅުވެފައިވެ އެވެ.